މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭނެ ކަމަށް ހައިޓުން ކަނޑައަޅައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން އެ ގާނޫނު ހިނގާނީ ދައުލަތުގެ އިދާރާތަކަށެވެ. އެ ގާނޫނުގައި އެހެން އޮތުމުން ސަރުކާރު ކުންފިނިތަކުން އަންނަނީ މައުލޫމާތު ދޭން ދެކޮޅު ހަދަމުންނެވެ. އެހެންވެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކުލަވާލި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ސަރުކާރު ކުންފުނިތައް ވެސް ވަނީ ހިމަނާފަ އެވެ.
އެ ގަވާއިދުގެ އެ މާއްދާ އަކީ ގާނޫނުގެ މާނައަށް ވުރެ ފުޅާކޮށް އޮތް މާއްދާއެއް ކަމަށް ބުނެ އެމްޓީސީސީން ވަނީ އެ މާއްދާ ބާތިލް ކުރަން ހައިކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ މަގްސަދަކީ ދައުލަތުގެ ކަންކަން ވީހާ ވެސް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުން ކަމަށެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާ ކަމަށް ބަލަން ފަށައިފި ނަމަ ގާނޫނަށް ފުރިހަމައަށް އަމަލު ނުކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ވަނީ އޮޑިޓްގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނާއި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނާއި ކުންފުންޏާ ބެހޭ ގާނޫނުގެ އިތުރުން ޕްރައިވެޓައިޒޭޝަން ގާނޫނަށް ބެލިއިރު ވެސް ސަރުކާރު ކުންފުނިިތަކަކީ ދައުލަތުގެ މުއައްސަސާތައް ކަމަށް ބަލަމުން އަންނަ ކަމަށެވެ.
އެ ގޮތަށް ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.