ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުން ވެރިކަންކުރާ ޕީއެންސީ ބަލިވުމުން އެ ރަށު ފެނަކަ ބްރާންޗުގެ ތިން މުވައްޒަފަކު ސަސްޕެންޑުކޮށް، މައްސަލަ ބަލަން ފަށައިފި އެވެ.

މިލަދޫން ވާހަކަދެއްކި މީހަކު ބުނީ އެ ތިން މުވައްޒަފުންގެ ކުށަކީ ޕީއެންސީގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްނުދިނުން ކަމަށެވެ. އެއީ އެމްޑީޕީއަށް ސަޕޯޓުކުރާ ތިން މީހުންނެވެ. އެހެންވެ، އެ މީހުންގެ ބޮލުގައި ކޮންމެވެސް ތުހުމަތެއް އަޅުވައި މައްސަލަ އަންނަނީ ބަލަމުންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން އެ ޕާޓީގެ ކެންޑިޑޭޓް އާމިނަތު ނަޒުމާ ކާމިޔާބު ކުރުމުން އެ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އެޅުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެ އެ ތަހުގީގުގައި އިތުރަށް ކަންކަން ބަލަންޖެހޭތީ 14 ދުވަހަށް ބައެއް މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ސަރުކާރަށް ތާއީދު ނުކުރުމަކީ އެ މީހަކު އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑުކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ.

"އިންތިހާބުގައި ވާދަކުރުމާއި ވޯޓުލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށްވާއިރު، އެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް އެ މީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުމަކީ މި ސަރުކާރުގެ ވަރަށް ފިނޑި އަމަލެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރީ ސަރުކާރުން ނުފޫޒުފޯރުވަމުން ދަނިކޮށް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކަމަށް އެމްޑީޕީން ބުންޏެވެ.

ވަޒީފާގެ ބިރުދައްކައި އިދިކޮޅު ހިޔާލުތަކުގެ އަޑު ކަނޑުވާލުމަށް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލަމެވެ.