އާރްޑީސީގެ މުވައްޒަފުން ސަރުކާރަށް ފާޑުކިޔުމަކީ ކުށެއް ކަމަށް އެ ކުންފުނީގެ އާ އެޗްއާރް ޕޮލިސީގައި ކަނޑައަޅައިފި އެވެ.
އާރްޑީސީގެ އާ އެޗްއާރް ޕޮލިސީގައި ވަނީ ނޯޓިހަކާ ނުލައި މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ. އެގޮތުން ވަޒީފާއިން ވަކިކުރެވޭ ސަބަބުތަކުގެ ތެރޭގައި "އެއިރެއްގައި އޮންނަ ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން" ހިމެނެ އެވެ.
މިފަދައިން އެޗްއާރް ޕޮލިސީގައި ލިޔެފައި ވަނީ ސަރުކާރަށް ފާޑުކިޔާ އެ ކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަސޭހަ ކުރުމަށްޓަކައި ކަމަށް ބެލެވެއެވެ.
އެ ޕޮލިސީގައި އެހެން އޮތުމުން އިދިކޮޅު ޕާޓީއަކުން ސަރުކާރު ޖަވާބުދާރީކުރުވަން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވުން މަނާވާނެ އެވެ. އެކަމަކު ގާނޫނު ބުނާގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާވާނީ ފަނޑިޔާރުންނާއި މިނިވަންމުއައްސަސާތަކުގެ މެންބަރުންނާއި ސިފައިންނާއި ފުލުހުން އެކަންޏެވެ.
ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނީގޮތުން ހުއްދަ ކަމެކެވެ. ކަންއެހެން އޮތްއިރު، ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާ ކަމެއް ކަމަށް އާރްޑީސީގެ އެޗްއާރް ޕޮލިސީގައި ހިމަނާފައިވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި އެމަނިކުފާނަށް ތާއީދު ކުރުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވަމުންދާކަން ވަނީ ފާހަގަވެފަ އެވެ.