މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރިސޯޓްތަކުން ބޭންކުތަކަށް 50 މިލިއަން ޑޮލަރު މާރުކުރި ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ. އެއީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ ޖެނުއަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ ބޭންކުން ބުނީ ޖެނުއަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވެފައި ކަމަށެވެ. އަދި، ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ގެނެވުނު ބަދަލާއެކު، މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ އެއް ސަބަބު ކަމަށެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، ފާއިތުވި ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
މި މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާތީ، ފަތުރުވެރިކަމުގެ ސިނާއަތުން މިކަމަށް ލިބޭ އެއްބާރުލުން އެމްއެމްއޭއިން ފާހަގަކުރެ އެވެ.