ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކަކާ ގުޅިގެން ވަކި މުއްދަތެއްގެ ފަހުން ޅ. ނައިފަރާއި އެ އަތޮޅު ފެލިވަރުން އެހެން ރަށަކަށް ގޮސްފައިވާ އެންމެން ކަރަންޓީންވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިންގައިފި އެވެ.

އެޗްޕީއޭއިން ބުނީ މިމަހު 10 ވަނަ ދުވަހުން ފެށިގެން ނައިފަރުން ފުރައިގެން އެހެންރަށަކަށް ދިޔަ އެންމެހާ ފަރާތްތަކުން އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އަންގަން އެދޭ ކަމަށެވެ.

ހަމަ މިއާއެކު މިމަހު އެއްވަނަ ދުވަހުން ފެށިގެން ފެލިވަރުން ފުރައިގެން އެހެން ރަށަކަށް ދިޔަ ހުރިހާ މީހުންވެސް މިފަދައިން އަމަލުކުރުމަށް ވަނީ އެޗްޕީއޭއިން އަންގާފަ އެވެ.

މީގެ އިތުރުން، އެދެރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުންވެސް، އެނބުރާ ރަށަށް ދިޔަ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވުމަށް އެޗްޕީއޭއިން އަންގަ އެވެ. އަދި މިއަދާ ހަމައަށް 10 ދުވަސް ވެފައިވާ ފަރާތްތަކުން ސާމްޕަލް ނަގައި، ޓެސްޓުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓެސްޓުގެ ނަތީޖާ ނެގެޓިވް ވިޔަސް، އެރަށުން ދަތުރުކުރިތާ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން މަޖުބޫރުކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެފަރާތްތަކުން ޓެސްޓުކުރުމަށް ސާމްޕަލް ނެގޭނެގޮތުގެ އިންތިޒާމް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރުން ހަމަޖައްސައިދޭނެ ކަަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، އެ ދެ ރަށުން ފުރައިގެން މާލެ އައިސްފައިވާ ފަރާތްތަކުން މާލެ/ހުޅުމާލެ/ވިލިމާލޭގައި ހުންނަ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނަގަން އިލްތިމާސް ކުރާކަމަށެވެ.

ފެލިވަރުގައި ވަޒީފާ އަދާކުރާ ނައިފަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މިހާރުވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފަ އެވެ. ފެލިވަރުގެ މެނޭޖަރު ވިދާޅުވިގޮތުގައި، އެ މުއައްޒަފު އެންމެ ފަހުން ފެލިވަރަށް ދިޔައީ ޕޮޒިޓިވްވިތާ ހަތަރު ދުވަސް ކުރިންނެވެ.

މީގެ އިތުރުން، ނައިފަރުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އެ މީހާއަކީ އުނގޫފާރަށް ދަތުރުކޮށްފައިވާ މީހަކަށްވީއިރު އުނގޫފާރުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހު 19 ވަނަ ދުވަހު އެވެ.

އުގޫފަރު ކްލަސްޓަރއާ ގުޅުންހުރި ގިނަ އަދަދެއްގެ ކޭސްތައް އެ ސަރަހައްދުގެ ރަށްތަކުން ވަނީ ފެނިފަ އެވެ.