1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފި އެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ހަނދާ ގުޅޭ ކަންކަމުގައި ވަކި ގޮތެއް ނިމެންދެން މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ ކޯޓުތަކާއި ރަށު ކައުންސިލުގެ އިދާރާތަކާއި އަތޮޅު ކައުންސިލުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ޑީޖޭއޭއިން ހާމަކޮށްފައިވާ ގޮތުގައި ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމ،ަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީ ގައެވެ. އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީ ގައެވެ. މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީ ގައެވެ.

އެ އިދާރާއިން ބުނީ ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބްގެ އިތުރުން ވެސް ކަމާ ގުޅުން ހުރި މުހިންމު މައުލޫމާތު ދޭން ޖެހޭ ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާ ބެހޭ މަޢުލޫމާތު ދިނުމަށް ޑީޖޭއޭއިން އެދިފައި ވެއެވެ. ހެކިބަސް އަދާކުރުމަށްޓަކައި އައުމާއ،ި ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.