ދަރިފުޅު ޖުނައިދު ޚާންގެ އެންމެ ފުރަތަމަ ފިލްމަށް ލިބުނު ނާކާމިޔާބީއާ މެދު ދެރަވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ބުނެފި އެވެ.
އޭބީޕީ ލައިވްއަށް ދިން އިންޓަވިއުއެއްގައި އާމިރު ވަނީ ޖުނައިދުގެ ފިލްމު "ލަވްޔަޕާ" އަށް ބޮކްސްއޮފީހުން ލިބުނު ނާކާމިޔާބީއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އާމިރު ބުނީ ޖުނައިދުގެ ފިލްމު އޭނާއަށް ވަރަށް ކަމުދިޔަ ކަމަށާއި އެހެން ނަމަވެސް ބެލުންތެރިންގެ ހިޔާލު އޭނާއާ ވަރަށް ތަފާތު ކަމަށެވެ.
"ނަސީބު ހުރި ގޮތުން އެ ފިލްމެއް ނުހިނގި. އެކަމާ ވަރަށް ހިތާމަ ކުރަން" ދަރިފުޅުގެ ނާކާމިޔާބީއާ ބެހޭގޮތުން އާމިރު ބުނެފައިވެ އެވެ.
ޚުޝީ ކަޕޫރާއެކު ޖުނައިދު ފެނިގެންދިޔަ ލަވްޔައްޕާ ބޮކްސް އޮފީހުގައި ފެއިލްވިއިރު ފާޑުކިޔުންގެ ފަރާތުން އެ ފިލްމަށް ލިބުނީ އެކި ކަހަލަ ރިވިއުސްތަކެކެވެ.
މި ދުވަސްވަރަކީ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ތަކެއްގެ ދަރިން އެ ދާއިރާއަށް އަލަށް ނުކުންނަމުން އަންނަ ދުވަސްވަރެއްކަން ފާހަގަ ކޮށްލެވެ އެވެ.