ސަރުކާރުގެ މަސް ފެކްޓްރީ ހިންގަމުން އަންނަ ޅ. ފެލިވަރުން 66 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ފެލިވަރުން ނެގި 104 ސާމްޕަލްގެ ތެރެއިން 88 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން 66 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ބާކީ 22 ސާމްޕަލްގެ ނަތީޖާ ނެގަޓިވް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން އިތުރަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓްކޮށް ޕޮޒިޓިވްވީ ނައިފަރަށް ގޮސް ހުރި އެރަށުގައި މަސައްކަތް ކުރާ މުވައްފަކެވެ. އޭނާ ޕޮޒިޓިވްވީ ނައިފަރަށް ދިޔަތާ ހަތަރު ދުވަސްފަހުން ޓެސްޓް ކުރިއިރު އެވެ. އެއާ އެކު ފެލިވަރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފަ އެވެ.

އެހެން ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ނައިފަރު ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މަހުގެ 10 ވަނަ ދުވަހުގެ ފަހުން ނައިފަރުން އެހެން ރަށަކަށް ގޮސްފައިވާ އެންމެން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

ފެލިވަރަށް އެ ބަލި ދިޔަ ގޮތެއް އަދި ހޯދިފައެއް ނުވެ އެވެ.