ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ގޮތެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ފާސްކޮށްފި އެވެ.
ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުން ނެވެ. ބިލައި ދެކޮޅަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ. ވޯޓު ނެގިއިރު އިދިކޮޅު އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.
ބިލާމެދު ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާއި އުފައްދަވާފައިވާ ސުވާލުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކުރި ނަމަވެސް އެގޮތަށް އަމަލު ނުކުރާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމަވައި ބިލު ފާސްކުރުމަށް ވޯޓަށް އަހާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލާމެދު ފިލްޒާ ސުވާލު އުފައްދަވާ ޖުޑީޝަރީ ކޮމިޓީއަށް ލިޔުމެއް ފޮނުއްވެވީ ރޭގެ ވަގުތެއްގަ އެވެ. އޭރު ކޮމިޓީން އޮތީ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ.
މި ލިޔުމާ ގުޅިގެން ރޭ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ފިލްޒާގެ ސުވާލުތަކާމެދު ތަޅުމުން ގޮތެއް ނިންމަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުން މި މައްސަލަ ފާހަގަކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. ތަކުރާރުކޮށް އޭނާ އެ މައްސަލަ ފެންމަތި ކުރުމުން ވެސް ރިޔާސަތުން އެކަމަށް ފުރިހަމަ ޖަވާބެއް ދީފައި ނުވެ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު މެންދުރު 11:00 އަށެވެ.
ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގެ އަޑުއެހުމުގެ ކުރިން ބިލު ފާސްކުރުމަށް މަޖިލީހުގެ މަސައްކަތްތައް ވެސް ވަނީ އަވަސް އަރުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. ބިލުގެ މަސައްކަތް ކޮމިޓީން ވެސް ނިންމީ އެއް ގަޑިއިރު ތެރޭގަ އެވެ.
ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން އެވެ. އޭނާ ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އެދިފައިވަނީ އެ މައްސަލަ ނިމެންދެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.