އިނގިރޭސިވިލާތަށް އުފަން އަލްފީ ބެސްޓް ޖޫނިއާއަކީ އެގައުމުގެ މުދާވެރި، ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ވަރަށް ހަގު އުމުރެއްގައި ވިޔަފާރީގެ ދުނިޔެއަށް ނުކުތް ޒުވާނެކެވެ.
އޭނާގެ ދިރިއުޅުމުގައި ނެތް އެއްޗެއް ނެތް ކަހަލަ އެވެ. ފައިސާއާއި މުދަލެވެ. ޝާނާއި ޝައުކަތެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ ނަފްސަށް ހަގީގީ ހިތްހަމަޖެހުމެއް ނުލިބެ އެވެ.
އިސްލާމް ދީނަށް އޭނާގެ ލޯ ހުޅުވައިދިނީ އެކުގައި އުޅުނު އެކުވެރި އެކެވެ. އެ އެކުވެރިޔާގެ މަންމަ އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ދުލުން ބަޔާންކުރަން މިސްކިތުގައި އޮތް ހަފްލާއަކަށް އޭނާ ދިޔައީ މާބޮޑު ވިސްނުމަކާ ނުލަ އެވެ.
އެހެން ނަމަވެސް އެ ތަޖުރިބާއިން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރުވި ކަމަށް އަލްފީ ބުންޏެވެ. ދިރިއުޅުމުގައި ފާއިތުވިހާ ދުވަހަކު ހޯދަމުން އައި ހިތްހަމަޖެހުމުގެ އިހުސާސް އެ މިސްކިތުން އޭނާއަށް ކުރެވުނެވެ.
"އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތް. ބުނެދޭން ނޭނގޭ އެހެން ނަމަވެސް އުފާވެރި އިހުސާސްތަކެއް ކުރެވުނު. ހިތަށްއެރި އަހަރެން ނިސްބަތްވަނީ މިތަނަށޭ،" އަލްފީ ކިޔައިދިނެވެ.
އެ ތަޖުރިބާއަށްފަހު އަލްފީ އިސްލާމް ދީނާ ބެހޭ ގޮތުން އިތުރަށް ދިރާސާ ކުރުމަށްފަހު އެއީ ހައްގު ތެދު ދީންކަން ޔަގީން ވުމުން އިސްލާމްވި އެވެ.
އޭގެ ފަހުން މިހާރު ދެއަހަރެއްހާ ދުވަސް ފާއިތުވެފައިވާއިރު އަލްފީ ވަނީ ފާއިތުވެ ދިޔަ އަހަރު އުމްރާގެ އަޅުކަން ވެސް އަދާކޮށްފަ އެވެ.
އަލްފީ ބުނީ މާތްﷲ ހިދާޔަތުގެ ނޫރު ދެއްވައިފި ހިތެއް މަގުފުރައްދާނެ އެއްވެސް ބާރެއް މި ދުނިޔެ މަތީގައި ލައްވާފައިނުވާ ކަމަށެވެ.