މާތް ﷲ އިސްލާމް ދީނުގެ ހިދާޔަތް ދެއްވައިފި ހިތެއް މަގު ފުރެދިގެން ނުދާ ހުއްޓެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ހައްގު ދީނަށް އަލަށް ގުޅެމުން އަންނައިރު އެއިން ކޮންމެ މީހަކަށް ވެސް އިސްލާމް ދީނުގެ މަގު ފެންނަނީ ވަރަށް ތަފާތުކޮށެވެ.
އެގޮތުން އެމެރިކާގެ އަސްކަރިއްޔާއަށް 29 އަހަރު ހިދުމަތް ކޮށްދީފައިވާ ކުރީގެ މެރިން ކޯ މެމްބަރެއް ކަމަށްވާ ރިޗާޑް މެކްކިނީއަކީ ހައިރާން ކުރުވަނިވި ގޮތަކަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނު އަޚެކެވެ.
ރިޗާޑް ވަނީ އެމެރިކާގެ އަސްކަރިއްޔާގައި އުޅެމުން އެ އަސްކަރިއްޔާގެ ފަރާތުން ތިން ގައުމެއްގައި ހަރަކާތްތެރިވެފަ އެވެ. އޭނާ އަސްކަރިއްޔާއިން ރިޓަޔާކުރީ 2006 ވަނަ އަހަރު އިރާގުގައި އޭނާގެ ފަޔަށް އަނިޔާ ވުމުންނެވެ.
އިސްލާމްވުމުގެ ކުރީގެ ދިރިއުޅުން ސިފަކޮށްދެމުން ރިޗާޑް ބުނީ އިސްލާމުންނަކީ އޭރު އޭނާގެ އެންމެ ބޮޑު ދުޝްމަނުން ކަމަށާއި ހަނގުރާމަތަކުގައި މެރުނު މުސްލިމުންނަކީ އިންސާނުންގެ ބަދަލުގައި "ޕޭޕާ ޓާގެޓް"ތަކެއްގެ ގޮތުގައި އޭނާ ގަބޫލުކުރި ކަމަށެވެ.
އަސްކަރިއްޔާއިން ރިޓަޔާ ވުމަށްފަހު ރިޗާޑް އޭނާގެ އަވަށަށް އަނބުރާ އައުމުން އެ އަވަށުގައި މުސްލިމުންގެ އާބާދީ ބޮޑުވާ މަންޒަރު ފެނި އެކަމަށް ނިމުމެއް ގެންނަން އޭނާ ގަސްދުކުރި އެވެ.
އެގޮތުން އަސްކަރިއްޔާއިން ލިބުނު ތަމްރީނުގެ ބޭނުންކޮށް އައިއީޑީ ބޮމެއް ހަދައި ހުކުރު ދުވަހުގެ ހުކުރު ޖަމާއަތުގެ ވަގުތުގައި އެ އަވަށުގެ އިސްލާމިކް ސެންޓަރު ގޮއްވާލަން އޭނާ ނިންމި އެވެ.
އެ މަގްސަދުގައި ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ވަގުތު ރިޗާޑް މިސްކިތަށް ވަނީ ދުޝްމަނުންނާ ކުރިމަތިލާން ތައްޔާރު ވެގެންނެވެ. އެހެން ނަމަވެސް މިސްކިތުން އޭނާއަށް ކުރެވުނީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. މުސްލިމުން އޭނާއަށް މަރުހަބާ ކީ އޭނާ ދުވަހަކުވެސް ހީކުރި ގޮތަކަށް ނޫނެވެ.
އެ ތަޖުރިބާއާއެކު އިސްލާމްދީނާ މެދު ޝައުގުވެރިކަން އުފެދުނު ރިޗާޑް ގުރުއާނުގެ ކޮޕީއަކަށް އެދުނެވެ. 8 ހަފްތާ ވަންދެން ގުރުއާން ދިރާސާ ކުރި ކުރުމުން ރިޗާޑްއަށް އެނގިގެން ދިޔައީ ޓެރަރިސްޓް ޖަމާއަތްތަކުން ގެންގުޅޭ ޕްރޮޕެގެންޑާއަކީ އަސްލު އިސްލާމް ދީން ނޫން ކަމެވެ.
މިކަން ހިތަށް ނަގައިގަނެވި އަދި އިސްލާމް ދީނުގެ އުސޫލުތައް އެނގުމުން ލަސްނުކޮށް އޭނާ އިސްލާމްވި އެވެ. އެކަން އޭނާ ސިފަކުރަނީ އޭނާގެ ހަޔާތުގެ އެންމެ އަގުބޮޑު ހަދިޔާގެ ގޮތުގަ އެވެ.
2009 ވަނަ އަހަރު އިސްލާމްވި ރިޗާޑް ފަހުން ވަނީ އެއްއިރަކު އޭނާ ގޮއްވާލަން މަސައްކަތްކުރި އިސްލާމިކް ސެންޓަރުގެ ރައީސްކަން ވެސް ދެ އަހަރު ވަންދެން ކޮށްފަ އެވެ.