މިދިޔަ ފެބުރުއަރީމަހު ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމާ ބެހޭ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ވަނީ 214,091 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 217،392 ޓޫރިސްޓުން އައިސްފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް ދެލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިރު، ޖެނުއަރީ މަހު ވެސް ރާއްޖެއަށް ވަނީ ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 214،863 ޓޫރިސްޓުން އައިސްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފެބުރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް 428،954 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 409،777 ޓޫރިސްޓުންނާ އަޅާބަލާއިރު 4.4 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ 16 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 9،518 ޓޫރިސްޓުން އައިސްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް ވަނީ 50،000 އަށް ވުރެ ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ.