ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސައުދީ ޢަރަބިއްޔާ އެމްބަސީގެ އިސްވެރިން ބައިވެރިވި އެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން 10 ޓަނުގެ ކަދުރު ހަދިޔާކޮށްދެއްވީތީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ ވުޒާރާއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރޯދަ މަހާ ދިމާކޮށް، ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ. މިގޮތުން ބައެއް އަހަރުތަކުގައި 50 ޓަނުގެ ކަދުރު ވެސް ހަދިޔާކޮށްފައިވެ އެވެ. މިއަހަރު ވެސް ސައުދީން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރޯދައިގެ ކުރިން ބަހާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާފައި ވަނީ މީހުން ދިރިއުޅޭ ގޭގެތަކުގެ ތެރެއިން ކަދުރު ބަލާ ދިޔަ ތަރުތީބުން ކޮންމެ ގެއަކަށް އެއް ޕެކެޓެކެވެ. ނަމަވެސް ބައެއް ރަށްރަށުގައި ކަދުރު ޕެކެޓް ފަޅިކޮށްގެން ވެސް ބަހާފައިވެ އެވެ. އަދި ކަދުރު ނުލިބިގެން ގިނަ ބަޔަކު ޝަކުވާ ވެސް ކުރި އެވެ.
ރާއްޖެ އަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ. ކަދުރު ބަހާނީ އެ ގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރާއި ކަދުރު ހަވާލުވާ މީހެއްގެ އައިޑީކާޑަށް ބަލައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.