ދަރުމަވަންތަ ސްކޫލްގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔައީ އެސްޖޭ ކޮންސްޓްރަކްޝަންގެ އިހުމާލުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހުށަހެޅި އާރްޓީއައި އަށް އެ މިނިސްޓްރީން ދިން ޖަވާބުގައި ވަނީ އެ ކަމަކީ އެސްޖޭގެ އިހުމާލުން ވި ކަމެއް ކަމަށެވެ. އަދި ސްކޫލުން އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއެކު އެކި ފަހަރުމަތިން މިނިސްޓްރީން އެކަން ރަނގަޅުކޮށްދިނުމަށް އެސްޖޭގައި އެދުނު ކަމަށް އެ މައުލޫމާތުގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އޭގެފަހުން ވެސް އެ މިނިސްޓްރީގެ ޓީމަކުން އެސްޖޭއާ ބައްދަލުކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް އެދުނު ކަމަށެވެ.
ތަކުރާރުކޮށް އެދިފައި ވަނިކޮށް، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ މައްސަލަ ހައްލުކޮށް އެސްޖޭއިން އެކަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ދަރުމަވަންތަ ސްކޫލްގެ މަސައްކަތް ކުރުމުގައި އެސްޖޭއިން ވަރަށް ބޮޑަށް ފާރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މީގެކުރިން އެ ކުންފުންޏަށް ފާޑުކިޔާފަ އެވެ.