ގާހިރާ (މާޗް 27)- މިސްރުގެ ސުއޭޒް ކެނަލްގައި ބީހިފައިވާ މުދާ އުފުލާ ބިޔަ ކާގޯ ބޯޓު މިއަދު ފުންކުރެވޭނެ ކަމަށް އެ ބޯޓުގެ ވެރިފަރާތުން ބުނެފި އެވެ.
ދުނިޔޭގެ އެންމެ ބިޒީ އެއް ރޫޓުން ދަތުރުކުރަނިކޮށް މިދިޔަ އަންގާރަ ދުވަހު އެ ބިޔަ ބޯޓު ބީހި، ކެނެލް ބަންދުވެ، އެތައް ބޯޓެއް ކެނަލްގައި ތާށިވެ އަދި އެތައް ބޯޓެއް ދަތުރުކުރަމުންދިޔަ މިސްރާބު ވަނީ އެފްރިކާ ވަށާލައިގެން ދަތުރުކުރަން ޖެހިފަ އެވެ.
ހަތަރު ފުޓުބޯޅަ ދަނޑަށްވުރެ ބިޔަ އެމްވީ އެވާ ގިވެން ސުއެޒް ކެނެލްގައި ބީހިފައި ވަނީ ކެނަލް ހުރަހަށެވެ. އެހެންވުމުން ކެނެލްގެ ދެކޮޅުން ވެސް ދަތުރު ނުކުރެވެ އެވެ.
ޖަޕާނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އިމަބާރީގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ބޯޓުގެ ވެރިފަރާތް ކަމަށްވާ ޝޮއި ކިސެންގެ ރައީސް ޔުކީޓޯ ހިގާކީ ވިދާޅުވީ ބޯޓުގެ އިންޖީނަށާއި އެނޫން ވެސް އެއްވެސް ސާމާނަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
"ބޯޓަށް ފެން ވަންނަމުން ނުދޭ. ބޯޓުގެ ހުންގާނަށާއި ބުރަފައްޗަށް އެއްވެސް ގެއްލުމެއް ނުލިބޭ. ބޯޓު ފުންކުރެވުމާއެކު ވަގުތުން ދަތުރު ފެށޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން އުއްމީދުކުރަނީ ޖަޕާނު ގަޑިން މިރޭގެ ވަގުތެއްގައި ބޯޓު ފުންކުރެވި ދަތުރު ފެށޭނެ ކަމަށެވެ.
ބޯޓު ފުންކުރުމަށް އެ ސަރަހައްދުން ވެލި ނެގުމާއި ފުންކުރުމަށް އިތުރު ސާމާނު ދަނީ ބޭނުންކުރަމުންނެވެ.
ކެނަލްގެ ދިޔަވަރު ބޮޑުކުރުމާއެކު ފުންކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ. އަދި 193 ކިލޯމީޓަރުގެ ދިގު އެ ކެނަލްގައި ބޯޓުގައި ތާށިވުމާއެކު 200 އަށްވުރެ ގިނަ ބޯޓު ވަނީ ދަތުރުނުކުރެވި ތާށިވެފަ އެވެ.
އުޅަނދުފަހަރާ ބެހޭ ޓެކްނިކަލް މެނޭޖަރު ބާނާޑް ސުލްޓް ޝިޕްމެނޭޖްމަންޓުން ބުނީ ބޯޓު ފުންކުރުމަށް ހުކުރު ދުވަހު ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
"މިހާރު މަސައްކަތްކުރަނީ ބޯޓު އޮތް ސަރަހައްދުން ވެއްޔާއި މަށި ނެގުމަށް. އޭރުން ބޯޓު ފުންކުރަން ފަސޭހަވާނެ،" އެ ކުންފުނިން ބުންޏެވެ. -- ރޮއިޓާސް