ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ނުފޫޒުފޯރުވި ކަމަށް ބުނެ ދޮގު ބަޔާން ދެއްވުމަށް އެ ކޯޓުގެ ދެ ގާޒީން ކަމަށްވާ ސަފްވަތު ހަބީބާއި އިބްރާހީމްޒިހުނީ ދެކޮޅު ހައްދަވައިފި އެވެ.

"ހުރިހާ"އާ ވާހަކަދެއްކެވި ޝަރުއީ ދާއިރާގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ބޭފުޅުން ޖޭއެސްސީއަށް ހާޒިރުކުރުމުން ތެދުބަހުން ބަޔާން ދެއްވި ކަމަށެވެ. އެގޮތުން އެ ދެ ބޭފުޅުން ވެސް ބަޔާން ދެއްވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލަން މަހާޒާއި އަޒްމިރަލްދާ ނުފޫޒު ފޯރުވާފައިނުވާ ކަށެވެ.

ސަރުކާރުން ވަނީ ޑރ. އިސްމާއީލް ދޫކޮށްލަން އަޒްމިރަލްދާ އާއި މަހާޒު ނުފޫޒުފޯރުވި ކަމަށް ބުނެ ތަހުގީގަށް ބަޔާންދިނުމަށް އެ ދެ ގާޒީންނަށް މަޖުބޫރުކޮށް ބިރުދައްކާފަ އެވެ. ސަރުކާރުން އެކަން ކުރީ ޕަބްލިކް ޕްރޮސިކިއުޓާ ހުސައިން ސާމީ ލައްވަ އެވެ.

"ސާމީ ބުނެފައި ވަނީ ޒިހުނީ ކައިރީ، ކެލެއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓްތައް އެބަހުއްޓޭ. މަހާޒު އާއި އަޒްމިރަލްދާއާ ދެކޮޅަށް ބަޔާންނުދީފިނަމަ އޭނާގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލާނެ ކަމަށް. އަދި ރިޔާސީ ދައުރުގެ ފަހުބައިގައި ހިތިވާނެ ކަމުގައި ބުނެ ވެސް ވަނި އިންޒާރު ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ކާމިޔާބުނުވުމުން މިހާރު ވަނީ އަޒްމިރަލްދާ އާއި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ނިންމާފަ އެވެ. އެ މައްސަލަ އަކީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފާ ދިމާލަށް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެވިއިރު، އެތަނުގައި އެ ދެ ބޭފުޅުން ހާޒިރުގެ އަޑުއަހަން ތިބި މައްސަލައެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރާނެ މައްސަލައެއް ނުފެނުމުން ކޮންމެވެސް ގޮޅިއަކަށް ފައްތަން މައްސަލައަކަށް ނުވާ މައްސަލަ އުފަންކޮށްގެން ބަލަނީ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ސުޕްރީމް ކޯޓު ގެނައުމަށް ރޭވިގެން ހިންގާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ސަރުކާރާ ދެކޮޅު މައްސަލައެއް ބަލަން ސުޕްރީމް ކޯޓުން ނިންމި ހިސާބުން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ހިންގުން މިހާރު ވަނީ ހުއްޓުވާފަ އެވެ. މިކަމުގައި އެޓާނީޖެނެރަލް އުޝާމްގެ އިތުރުން ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު ވެސް ބައިވެރިވެ އެވެ.