މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ބޭރު ގައުމުތަކުގައި ހުންނަ ހެޑް ކުއާޓާޒް އަދި މިޝަންތަކުގައި ޖުމްލަ 132 ސިޔާސީ މުވައްޒަފުން ތިބި ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.
ޖެނުއަރީ 2025 ގެ ނިޔަލަށް ފޮރިން ސާވިސް އަދި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބި އަދަދުތައް މިނިސްޓަރު ހަލީލް ވަނީ ހިއްސާކުރައްވާފަ އެވެ.
އެގޮތުން ހެޑްކުއާޓާޒްގައި ފޮރިން ސާވިސް މުވައްޒަފުންގެ ގޮތުގައި 93 އަދި، މިޝަންތަކުގައި ފޮރިން ސާވިސް 46 މުވައްޒަފުން ތިބެއެވެ.
މީގެ އިތުރުން ހެޑްކުއާޓާޒްގައި 28 ސިޔާސީ މުވައްޒަފުން ތިބި އިރު، މިޝަންތަކުގައި 104 މުވައްޒަފުން އެބަތިއްބެވެ. މިއާއެކު
ޖުމްލަ 132 ސިޔާސީ މުވައްޒަފުން ހެޑްކުއާޓާޒް އަދި މިޝަންތަކުގައި ތިބިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރު ފެށުނުއިރު، އޮކްޓޫބަރު 2023 ގެ ނިޔަލަށް ހެޑްކުއާޓާޒް އަދި މިޝަންތަކުގައި ޖުމްލަ ތިބީ 116 ސިޔާސީ މުވައްޒަފުންނެވެ. އަދި ފޮރިން ސާވިސް މުވައްޒަފުންގެ ގޮތުގައި ތިބީ 137 މުވައްޒަފުންނެވެ.
ފޮރިން ސާވިސް ގާނޫނުގައިވާ ގޮތުން ސިޔާސީ މުވައްޒަފުން އައްޔަންކުރަން ވާނީ ފޮރިން ސާވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 ޕަސެންޓަށްވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންނެވެ.