ހުޅުމާލެއިން މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ)އަށް ބިމެއް ގަތުމުގެ ނަމުގައި 15 ބިލިއަން ރުފިޔާ ޗާޕުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ރާއްޖޭގެ އިގްތިސޯދާ ނުބައްދަލު، މިވަގުތު މަރުކަޒީ ބޭންކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ހަރަދުތައް ހަމަޖައްސަން ފައިސާ ޗާޕް ނުކުރާނެ ކަމަށް ބުނުމަށް ފަހު، ސަރުކާރަށް ފައިސާ ހޯދުމަށް އެޗްޑީސީ އާއި އެމްއެމްއޭ ނިވާފަތްގަނޑަކަށް ހަދައިގެން 15 ބިލިއަން ރުފިޔާ ޗާޕްކުރަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު އެމްޑީޕީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ޕާޓީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އެމްއެމްއޭގެ ބޯޑުން ނިންމައި ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުން އެމްއެމްއޭ އަށް މަޖުބޫރުކޮށްގެން އެމްއެއޭގެ މެންޑޭޓާ ޚިލާފަށް އެމްއެމްއޭ ލައްވާ މަސައްކަތް ކުރުވާ ކަމަށެވެ.

ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް އިގްތިސާދުގެ ތެރެއަށް ފައިސާ ނެރުމަށް ނިންމާފައި ވަނީ އެޗްޑީސީގެ މިލްކިއްޔާތުގައި ހުރި ބިންތަކުގެ ތެރެއިން 22 ހެކްޓަރުގެ ބިން އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގައިގެން ކަމަށް އަމީރު ވިދާޅުވި އެވެ. އެކަމުގެ ތަފްސީލްތައް އޭނާ ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފަ އެވެ.

އަމީރު ވިދާޅުވީ އެމްއެމްއޭ އިން 22 ހެކްޓަރުގެ ބިމެއް ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ އަށް ގަތުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށްޓަކާ ބޭނުންވާ ފައިސާ ޗާޕުކޮށްގެން އެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް ގޮސް ދިވެހި ރުފިޔާ ބަލިކަށިވެ، އެކްޗްސްޗޭންޖް ރޭޓް މަތިވުމަކީ އެކަށީގެންވާ ކަމެއް. އިންޓްރެސްޓް ރޭޓް މައްޗަށް ގޮސް ބެންކުތަކުން ލޯނު ލިބުމަށް ދަތިވާނެ ކަމަށް ޔަގީން ކުރެވޭ،" އަމީރު ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވަނީ އެމްއެމްއޭ އިން އެ މުއާމަލާތް ހިންގާ ގޮތާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ރާއްޖޭގެ ރިޒާވްގައި އެފަދަ ކަމެއް ކުރެވޭ ވަރަށް ފައިސާ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ބޭރު ފައިސާގެ ރިޒާވުން އެކަން ނުކުރެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އެހެންނަމަވެސް ބޭންކްތަކަށް ބޮންޑް ވިއްކައިގެން އެކަން ކުރެވިދާނެ ކަމަށާއި، ބެންކުތަކުގައި ހުރި ފައިސާ ނަގައިގެން އެމްއެމްއޭ އިން އެ މުއާމަލާތް ނުހިންގޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން އެމްއެމްއޭ އިން އެ މުއާމަލާތް ހިންގަން އޮތް ހަމައެކަނި ގޮތަކީ ފައިސާ ޗާޕްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި މި ކަން ކުރަން ޖެހުނީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް ނުކުޅެދުމުންނެވެ. އެގޮތުން ޑޮމެސްޓިކް މާކެޓުން ހޯދުނު ގޮތަކަށް ފައިސާ ހޯދުމުގެ ވިސްނުން ސަރުކާރުގެ ކިބައިން ފެންނަ ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ޓްރެޝަރީ ބިލަށް ބޮޑުކޮށް، ބީއެމްއެލް މެދުވެރިކޮށް އިންވެސްޓް ކުރުވުމާއި ކުންފުނިތަކުގެ ފައިނޭންސް އަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކޮށްގެން މާލީ ކަންކަން ސަރުކާރުން މެނޭޖްކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.