ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވީ ފަނޑިޔާރުން ވަކިކުރުމުގެ އުސޫލާ ފުށުއަރާތީ ކަމަށް އެޓާނީޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީއެންސީން އަންގައިގެން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އެ ބިލް ފާސްކުރަން ވޯޓު ނުދޭ މެންބަރުންނަށް ފިޔަވަޅުއަޅާނެ ކަމަށް އެ ޕާޓީން އޮތީ އަންގާފައެވެ.

އޭޖީ އުޝާމްގެ ލަފާގައިވާ ގޮތުން، އެންމެ ބޮޑު ކަންބޮޑުވުމަކީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ފަސް ދުވަސް ތެރޭގައި ކަނޑައަޅަންޖެހޭގޮތަށް އޮތުމެވެ. ސަބަބަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ)ގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވެ މަސައްކަތް ކުރައްވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިނުކުރެވޭނެ ކަމަށް ބުނާތީ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ޖޭއެސްސީން މިހާރު ބަލަމުން އަންނަ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ބިލްގައިވާގޮތަށް މަގާމަށް ގާބިލް ނޫން ފަނޑިޔާރުން ފަސް ދުވަހުގެ ތެރޭގައި ކަނޑައެޅުމަކީ އުސޫލުން ބޭރު ކަމެއް ކަމަށް އޭޖީ ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެކަންކަން އެހެންހުރުމުން އުޝާމް ލަފާދެއްވީ އެ ބިލް ތަސްދީގު ނުކުރެއްވުމަށެވެ.

އެ ބިލް ފާސްކުރަން ވޯޓު ނުދިން މައްސަލާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަކިކޮށްފަ އެވެ.

އުޝާމް މިފަދައިން ލަފާދެއްވިޔަސް، އެ ބިލަކީ އުޝާމުގެ ވެސް މަޝްވަރާގެ މަތިން، ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލަ ހުއްޓުވުމަށް އެ ކޯޓަށް ބިރުދައްކައި ނުފޫޒުފޯރުވަން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.