ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ އާ ލޯބިވެރިޔާ ގައުރީ ސްޕްރެޓް ފުރަތަމަ ފަހަރަށް މީޑިއާއަށް ތައާރަފް ކޮށްފި އެވެ.

އާމިރު އޭނާގެ ލޯބިވެރިޔާ ގައުރީ ތައާރަފް ކޮށްފައިވަނީ އޭނާގެ އުފަން ދުވަހުގެ ވިލޭރޭ މީޑިއާއާއެކު ބޭއްވި "މީޓް އެންޑް ގްރީޓް"އެއްގެ ތެރެއިންނެވެ.

އާމިރު ބުނީ އޭނާއާއި ގައުރީ އެންމެ ފުރަތަމަ ބައްދަލުވީ މީގެ 25 އަހަރު ކުރިން ކަމަށާއި އޭގެ ފަހުން ގުޅުން ކެނޑުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ދެމީހުންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 18 މަސް ވެއްޖެ އެވެ.

"އަހަރެންގެ ދަރިންނާ އާއިލާއާ ވެސް ގައުރީ ބައްދަލު ކޮށްފި. އެ އެންމެން ވެސް ތިބީ ވަރަށް އުފަލުން" އާމިރު ބުންޏެވެ.

އޭގެ އިތުރުން ފިލްމީ ދުނިޔެއަށް ގައުރީ ތައްޔާރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އޭނާއަށް ޕްރައިވެޓް ސެކިއުރިޓީ ވެސް ހޯދި ކަމަށް އާމިރު ބުންޏެވެ.

އެ މީޓް އެންޑް ގްރީޓްގައި އާމިރު ވަނީ ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ އޭނާއާއި ޝާހްރުކް ޚާން އަދި ސަލްމާން ޚާން އެކުގައި ފިލްމަކުން ފެނިދާނެ ކަމަށް ބުނެފަ އެވެ.

ނިންމާލަމުން އާމިރުގެ ފިލްމު "ލަގާން"އަށް އިޝާރާތް ކުރަމުން އާމިރު ބުނީ "ބުވަން (ލަގާންގައި އާމިރުގެ ކެރެކްޓަރު) އަށް އޭނާގެ ގައުރީ އެންމެ ފަހުން ލިބިއްޖެ" ކަމަށެވެ.

އާމިރު އޭނާގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރީ އިއްޔެ އެވެ. އޭނާގެ އުފަން ދުވަހާ ގުޅުވައިގެން އޭނާގެ ސަޕޯޓަރުން ގިނަ ކަންތައްތަކެއް ކުރި އެވެ.

މީގެ ކުރިން އާމިރު ދެ ކައިވެންޏެއް ކޮށްފައިވާއިރު އެ ދެ ކައިވެންޏަށް އޭނާއަށް ތިން ދަރިން ލިބިފައިވެ އެވެ. އޭނާގެ އެންމެ ފަހުގެ ކައިވެނި ރޫޅުނީ 2021 ވަނަ އަހަރު އެވެ.