މަޝްހޫރު މިއުޒިކް ކޮމްޕޯސަރުން ކަމަށްވާ ޕްރޭމް އާ ހަރްދީޕްގެ އާ ލަވަ، "ކޭސޭ ޖުދާ ރަހޭ" ނެރެފި އެވެ.
ޗަންދީގަރް، މުމްބާއީ އަދި ދިވެހިރާއްޖޭގައި މަންޒަރުތައް ނަގާފައިވާ މި ލަވައިގެ ލީޑުން ފެނިގެން ދަނީ ކުރިއަރަމުން ދާ ދެތަރިން ކަމަށްވާ ޔޫޖީނާ ބެލޮސޯވާ އާއި ސިދާތް ގުޕްތާ އެވެ.
މި ލަވަ ފެށިގެން އަންނަ އިރު ފެންނަނީ އިންޑިއާގައި ނަގާފައިވާ މަންޒަރުތަކެކެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި ކޮންމެވެސް ސަބަބަކާ ގުޅިގެން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް އާދެ އެވެ. އޭގެ ފަހުން އެ ދެ މީހުން ވަކިން ހޭދަ ކުރާ ހިތްދަތި ދުވަސްތައް ދައްކުވައިދީފައި ވެ އެވެ.
ދެން ދައްކަނީ އޭގެ ތިން އަހަރު ފަހުގެ މަންޒަރެކެވެ. ޕާޓީއެއްގެ ތެރޭގައި ޔޫޖީން އަށް ލިބެނީ ރާއްޖެ އައުމަށް ސިދާތް (ލަވައިގައި އޭނާގެ ނަމަކީ ކަބީރް) ގެ ދައުވަތެކެވެ.
އޭގެ ފަހުން ރާއްޖެގެ ޑްރޯން ޝޮޓްތަކެއް ދެއްކުމަށްފަހު މަންޓާގެ ސީޕްލޭނެއްގައި ޔޫޖީން އައިސް ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓަށް ފައިބާތައް ފެނެ އެވެ. އޭރު އޭނާގެ އިންތިޒާރުގައި ކަބީރު ފާލަންމަތީގައި ހުރެ އެވެ. އަދި އެއީ އޭނާގެ ރިސޯޓެއްކަން އަންގައިދޭން ޔޫޖީނާއަށް އެތަނުގެ ނަން ބޯޑު ދައްކާލަ އެވެ.
މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކަޑިންމަ ރިސޯޓްގައި ކަމުގައި ވީ ނަމަވެސް ލަވައިގައި އެ ރިސޯޓްގެ ނަމުގެ ގޮތުގައި ދައްކާފައިވަނީ "ކަބީރް ރިސޯޓްސް" އެވެ.
އޭގެ ފަހުން ފެނިގެން ދަނީ އެ ތަރިންގެ ދެމެދުގައި ހިނގާ ލޯބީގެ މަންޒަރުތަކެވެ. އަދި ރިސޯޓްގެ ގޮނޑުދޮށުގައި މި ދެ މީހުންގެ ކައިވެނި ކުރާތަން ވެސް ދައްކަ އެވެ.
މި ލަވައާ ގުޅޭ ގޮތުން ސިދާތް ބުނީ މިއީ އޭނާގެ ހަޔާތުގައި ވެސް އެންމެ ދިގު ޝޫޓިން ކުރިއަށް ދިޔަ ލަވަ އެވެ.
"މި ލަވަ ޝޫޓް ކުރެވިގެން ދިޔައީ ފިލްމެއްގެ ގޮތަށް. ތިން މަންޒިލެއްގައި ޝޫޓް ކުރި އިރު ޝޫޓްކޮށްފައި ހުންނާނީ ހަތަރެއް ނުވަތަ ފަސް ދުވަހަށް. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ލަވައިގެ މަސައްކަތް ނިންމަށް މަހެއްހާ ދުވަސް ހޭދަވި،" ސިދާތް ބުންޏެވެ.
މި ފަހަކަށް އައިސް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ވެފައިވަނީ މަގުބޫލު މަންޒިލަށެވެ. އެގޮތުން މިހާރުވެސް ބޮލީވުޑްގެ ނަން މަޝްހޫރު ބައެއް ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.