ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް، އެ އިންޝުއަރެންސްއަށް ކެނޑުމަށް ފަހު އާސަންދަ ލިބޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސާ އެކު ވެސް އާސަންދަ ލިބޭ ގޮތަށް އަލުން ބަދަލުކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު މަހު އާސަންދައިން ވަނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހިދުމަތް ހޯދާއިރު ފުރަތަމަ އިންސުއަރެންސް އިން ކެނޑުމަށް ނިންމައި އެގޮތަށް އަމަލުކުރަން ފަށާފަ އެވެ.

ކުރިން ގެނައި ބަދަލާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިހާރު ގެނައި ބަދަލާއެކު ޕްރައިވެޓް އިންސުއަރެންސް އިން ކަވަރު ނުކުރާ ބައި އާސަންދައިން ކަނޑާނެ އެވެ.

ކުރިން ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް އޮންނަ މީހަކަށް ވިޔަސް ފުރަތަމަ އުނިކުރަނީ އާސަންދައިންނެވެ. އަދި ޕްރައިވެޓް އިންޝުއަރެންސް ޕްލޭނުން އުނިކުރަނީ އާސަންދައިން ކަވަރުނުކުރާ ބައެވެ.

ނަމަވެސް ނޮވެމްބަރު މަހު ގެނައި ބަދަލާއެކު، ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓުގެ ހިދުމަތް ހޯދާ ބަލިމީހުންގެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ ފުރަތަމަ ބިލުކުރަނީ ޕްރައިވެޓް އިންޝުއަރެންސްއަށެވެ.

ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖުން އެ ހިދުމަތަކަށް ކަވަރުކުރާ މިންވަރަށްވުރެ އިތުރުވާ އަދަދު ދައްކަން ޖެހެނީ އަމިއްލަ އަށެވެ. އެއާއެކު އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭނުން އެ ހިދުމަތަށް ދޭ ކަވަރޭޖު ހުސްވުމުންނެވެ.

އެހެންކަމުން މިހާރު ޕްރައިވެޓް އިންޝުއަރެންސްގެ ޕްލޭނަކުން ކަވަރުކުރާ މިންވަރަށް ވުރެ އިތުރުވާ އަދަދު އާސަންދައިން ކަވަރު ކުރާނެ އެވެ.

މި ބަދަލާ ގުޅޭ ގޮތުން އާސަންދައިން ރަސްމީކޮށް ބަހެއް ބުނެފައިނުވެ އެވެ.