ރައީސުންނަކީ މިދުވަސްވަރު ދިވެހިރާއްޖޭގައި މަދުބައެއް ނޫނެވެ. ކުރީގެ ރައީސުންނާއި މިހާރުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މީގެ ތެރެއިން ބައެކެވެ. މި ހުރިހާ ރައީސުންގެ ތެރެއިން ވެސް މިއަދުގެ ސިޔާސީ މައިދާނުގައި އެންމެ ހަރަކާތްތެރި ނުވަތަ ނުފޫޒު ގަދައީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް ކަމުގެ ތިން ލަގަބު ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެސް ރައީސެވެ. އެހެންކަމުން ރައީސް ސާލިހެކޭ އެއްވަރަކަށް ނުވަތަ އެއަށްވުރެ ވެސް މިއަދުގެ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރައީސް ނަޝީދުގެ މުހިންމުކަން ބޮޑެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ވަރަށް އެކުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ފާއިތުވި ރިޔާސީ އިންތިޚާބާއި ހަމަޔަށް ރައީސް ސާލިހު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ ގެއްލިފައި އޮތް ރައީސް ކަމުގެ ގޮނޑި އަނބުރާ ހޯއްދެވުމަށެވެ. ގާނޫނީ މައްސަލަތަކަކާ ހެދި ރިޔާސީ އިންތިޚާބުގެ ރޭހުން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ހިނދު އެމަގާމަށް ގެންނަން އެމްޑީޕީ އާއި ނަޝީދަށް އެންމެ ކަމުދިޔައީ އިބްރާހިމް މުހައްމަދު ސާލިހެވެ. ނަޝީދު ވެ ވަޑައިގެންނެވީ މަޖިލީހުގެ ރައީސަށެވެ.
ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް ކަމުގެ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކަ ތަކުގެ ބޭރުން ސަރުކާރުގެ ތަމްސީލުކުރާ ފަރާތަކުން ދައްކަން ޖެހޭ ވާހަކަ ވެސް ރައީސް ނަޝީދު ގެންދަވަނީ ދައްކަވަމުންނެވެ.
''މުޅި އޮޑީގައި ހަސަނު ދެފައޭ'' ބުނާވަރަށް ނަޝީދުގެ ކަންތައް ދާއިރު ގިނަފަހަރަށް ސަރުކާރުން ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތުން ފެންނަނީ ހިމޭން ކަމެވެ. ބައެއްފަހަރު ސަރުކާރުގެ ޕޮލިސީތަކާއި ހިންގަން ހަމަޖެހިފައި ހުރި މަޝްރޫއުތަކުގެ ވާހަކަ ދައްކަވާ އިރު ގައުމުގެ ހަގީގީ ރައީސަކީ އެމަނިކުފާނު ކަމުގައި ހީވާ ހިސާބަށް ވެސް ދެ އެވެ. އަނެއްބައި ފަހަރު ސަރުކާރަށް ފާޑު ވިދާޅުވެ މިނިސްޓަރުންގެ ބޮލުގައި އިލްޒާމު އަޅުވާއިރު ހީވަނީ އިދިކޮޅު ޕާޓީގެ ރައީސް ހެންނެވެ.
އެ މަނިކުފާނުގެ ނުފޫޒާހެދި ސަރުކާރުގެ ބައެއް ވަޒީރުން އިސްތިޣުފާ ދެއްވައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ވަކިކުރާ ހިސާބަށް ދާއިރުވެސް ރައީސް ސާލިހުގެ ފަރާތުން މާބޮޑު ހަރަކާތެއް މިހާތަނަކަށް ފެނިފައެއް ނުވެ އެވެ. މަންޒަރު ފެންނަ ބަޔަކަށް އެންމެ ވައްތަރުވާން އުޅެނީ ދެއްވި ފުރުސަތާއި ލިބުނު މަގާމަށް ޝުކުރު ކުރައްވެގެން ރައީސް ސާލިހު "ބަސް އަހައިގެން" ހުންނެވި ކަމަށެވެ.
ރައީސްގެ މި ހިމޭންކަމަށް ނިމުން އެންމެ ފަހުން އަންނަން މަޖުބޫރު ވީ ރައީސް ނަޝީދު، ސަރުކާރުގެ ބޮލުގައި ކޮރަޕްޝަނާއި ވައްކަމުގެ އިލްޒާމު އަޅުވައި ދެއްކެވި ވާހަކަފުޅުންނެވެ. މިވަގުތު އެންމެ ހޫނު ''އުންސުރު ހަމަނުވި'' ވެންޓިލޭޓަރުގެ މައްސަލަޔާ ހަމައިން ސަރުކާރުން ވަނީ ފިނި ނަމަވެސް ނަޝީދުގެ ވާހަފުޅަށް ރައްދެއް ދީފަ އެވެ.
ރައީސް ނަޝީދު ސަރުކާރަށް ކުރެއްވި ގިނަ ތުހުމަތު ތަކަށް ފަހު ސަރުކާރުން ނެރުނު ބަޔާނުގައި ވެސް ހަގީގަތުގައި މާ ބޮޑު ހަރުދަނާ ވާހަކައެއް ނެތެވެ. އެ ބަޔާނުގައި އޮތީ އާންމު އުސޫލުން ކަން ހިނގާގޮތް ހާމަ ކޮށްފަ އެވެ. މިނިވަން މުއައްސަސާތަކުގެ ހިންގުމާ ސަރުކާރުން ނުބެހޭނެ ކަމާއި ވެންޓިލޭޓަރުގެ މައްސަލައިގައި ސަރުކާރުގެ އިހުމާލެއް ނެތް ކަމެވެ.
ކޮންމެ ގޮތަކަށް ނަމަވެސް ނަޝީދާއި ސަރުކާރާއި ދެމެދު މިއުފެދުނު ދެބަސްވުން ބައެއް ފަރާތްތަކުން ސިފަކުރަނީ އެމްޑީޕީގެ ތެރޭގައި އޮތް ބޮޑު ބައިބައިވުމެއް ތިލަވެގެން އައުން ކަމުގަ އެވެ. ނުވަތަ އިބުރާހިމް މުހައްމަދުގެ ކޯލިޝާން ސަރުކާރާ ދެކޮޅަށް އެމްޑީޕީ ތެދުވުން ކަމުގަ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓުން މި ކަންތައްގަނޑު ސިފަކުރާ ގޮތުން ހީވަނީ ރައީސް ނަޝީދުގެ ޚާއްސަ ޕްރޮމޯޝާނެއް ހިންގަނީ ހެންނެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި ކޮރަޕްޝަނާ ވައްކަމާ ދެކޮޅަށް މޫނަކަށް ކަނދުރާ އަކަށް ނުބަލައި ނަޝީދު ތެދުވާނެ އެވެ. އެއީ ރައީސް ސާލިހު ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. މިޕްރޮމޯޝަން ވަނީ މިހާރު ހިނގަމުންދާ ކައުންސިލް އިންތިޚާބުގެ ކެމްޕޭނާ ގުޅުވާލެވިފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނާ ދިމާކޮށް ސަރުކާރު އަގުވައްޓާލައި ނަޝީދު ޕްރޮމޯޓުކުރުމުން އެމްޑީޕީއަށް ސީދާ ފައިދާއެއް ވުމަށް ވުރެ ނުވުން ގާތެވެ. ސަބަބަކީ ވެރިކަން ކުރަނީ އެމްޑޕީގެ ރައީސަކަށް ވެފައި ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި އުފެދޭ ނުރުހުން ކައުންސިލްތަކާ ހަމަޔަށް ވެސް ފޯރާނެތީ އެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ރައީސް ނަޝީދު މިދުވަސްކޮޅު މި ފައްޓަވައިގެން އުޅުއްވާ ކުޅިވަރުގެ ހަގީގީ މަގުސަދަކީ ކޮބައިތޯ އެވެ. ފާއިތުވި ދެއަހަރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންތައް ހިނގަމުން އައި ގޮތަށް ވިސްނާލާއިރު ޖަވާބު ވަރަށް ރީތި ކޮށް ފެނެ އެވެ.
ކުރިމަތީގައި އޮތް ކައުންސިލް އިންތިޚާބަކީ ދެން އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އޮންނާނެ ހަމަ އެކަނި ކެމްޕޭނެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއިން ނުކުންނާނެ ކެންޑިޑޭޓަކީ ކާކުކަން އިއުލާން ނުކުރި ކަމުގައި ވިޔަސް ނަޝީދުގެ ނަޒަރުގައި އެއީ އެމަނިކުފާނުގެ ހައްގެކެވެ.
އިބްރާހިމް މުހައްމަދު ސާލިހަކީ ހާލަތު ދިމާކުރި ގޮތުން ގޮނޑިގައި އިންނެވި ބޭފުޅެކެވެ. ތަފާތު އެކި މުނާސަބަތު ތަކުގައި ރިޔާސީ ކެންޑިޑޭޓުކަމާ ބެހޭ ގޮތުން ކުރިމަތި ކުރެވުނު ސުއާލު ތަކަށް ވެސް ރައީސް ސާލިހު އަދި މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. އެހެންކަމުން ކުރިމަތީގައި އޮތް އިންތިޚާބުގެ ކެމްޕޭން ރައީސް ނަޝީދު ބޭނުން ކުރައްވަނީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނިކުންނަ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމުގައި ވާނޭކަން ކަށަވަރު ކުރެއްވުމަށެވެ.
މިކަން ވާންއޮތީ މިއަދުގެ ސަރުކާރަކީ ނާގާބިލް ކޮރަޕްޓް ސަރުކާރެއްކަމާއި ރައީސް ނަޝީދަކީ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ރައްޔިތުންގެ ހައްގުގައި ހުންނެވި ބޭފުޅެއްކަން ދައްކައި ދެވިގެންނެވެ. ރައްޔިތުންނަށް އަސްލު ރައީސަކީ ކޮބައިކަން ސާފުވާނީ މިހާރު ކުޅެވެމުންދާ ޑްރާމާ ނިމުމުންނެވެ.
ނަޝީދުގެ ވިސްނުން ކޮންމެގޮތަކަށް ހުއްޓަސް މުހިއްމީ ވެންޓިލޭޓަރު މައްސަލައިގައި އެބޭފުޅާ ވިދާޅުވި ބަސްތައް - ވައްކަމުގެ ތުހުމަތުތައް