މިސްރުގެ ނުރައްކާތެރި ވަލު ޖަނަވާރެއް ކަމަށްވާ ލިންކްސްއެއް ބޯޑަރު ހުރަސްކޮށް ގޮސް އިޒްރޭލު ސިފައިންތަކަކަށް ހަމަލާދީފި އެވެ.
އެ ޖަނަވާރު މައުންޓް ހަރީފް ކައިރީގައި ހުރި ބޯޑަރު ސްޓޭޝަނެއްގައި ހުރި އިޒްރޭލުގެ އަސްކަރީ ބޭސްއަކަށް ވަދެ، ގިނަ އަދަދެއްގެ އިޒްރޭލު ސިފައިންނަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މި ވީޑިއޯ ވައިރަލްވެ ގިނަ ބަޔަކު ދަނީ އެއަށް ކޮމެންޓް ކުރަމުންނެވެ. ބައެއް ފަރާތްތަކުން މަޖާވެ ރިއެކްޓްކޮށް، އިޒްރޭލު ސިފައިންނަށް ލިބެންވާ އަދަބު ލިބުނީ ކަމަށް ބުނެފައިވެ އެވެ.
މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، މިޞްރު-އިޒްރޭލު އޮކިއުޕޭޝަން ބޯޑަރުގައި ތިބި އިޒްރޭލު ސިފައިންނަށް ހަމަލާދިން އެ ޖަނަވާރު އެހެން ބައެއް މީހުންގައިގަ ދަތްއެޅިކަމުގެ ރިޕޯޓްތައް ވެސް ލިބިފައިވެ އެވެ.
އިޒްރޭލު ސިފައިން ވަނީ އެ ލިންކްސް ހިފައި، އެކަމަށް ހާއްސަކުރެވިފައިވާ މެޑިކަލް ފެސިލިޓީއަކަށް ޗެކްކުރުމަށް ގެންގޮސްފަ އެވެ.
އިޒްރޭލް މީޑިއާއިން ލަފާކުރާ ގޮތުގައި އެ ލިންކްސް އައިސްފައި ވަނީ މިސްރުންނެވެ. ސަހަރާގެ ބޯޑަރުގައި ގިނަ އަދަދެއްގެ މިފަދަ ޝިކާރުކުރާ ޖަނަވާރުތައް އުޅެ އެވެ.
ލިންކްސްގެ ދިގުމިނުގާ 60-90 ސެންޓިމީޓަރު ދެމެދު ހުރެ އެވެ. އޭގެ ބަރުދަނުގައި 8-20 ކިލޯގްރާމް ހުރެ އެވެ. އޭގެ ދިގު ދަތްތަކާއި ތޫނު ނިޔަފަތިތައް ހުރެ އެވެ. މި ޝިކާރަކުރާ ޖަނަވާރަށް ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ދުވެ އެވެ. މީގެ ޝިކާރައަކީ މީދަލާއި، ވަލު ފަނި އަދި ދޫނިތަކެވެ. މީގެ އިތުރުން މިއަށް ބޮޑެތި ޖަނަވާރުތަކަށް ވެސް ހަމަލާދެވެ އެވެ.
ވަރަށް ރަނގަޅަށް ގަސްގަހަށް އަރައި ފުންމަން އެނގޭތީ، މި ޖަނަވާރަކީ އޭގެ ގުދުރަތީ މާހައުލުގައި ނުރައްކާތެރި ޖަނަވާރެކެވެ.
މި ހާދިސާއާއެކު މަދުން ނޫނީ ނުފެންނަ ލިންކްސްއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.