މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސުއޭޒް ކެނަލްގައި ބީހިފައި އޮތް ބިޔައޮތް ކާގޯ ބޯޓު މިއަދު ފުންކޮށްފި އެވެ.
ބޯޓު ފުންކުރި އިންޗްކޭޕް ޝިޕިން ސާވިސަސް އިން ބުނީ އާއްމު ދަތުރުފަތުރަށް އެ ކެނަލް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ.
ޓައިވާނުގެ އެވަ ގްރީން އިން އޮޕަރޭޓްކުރާ 400 މީޓަރު ދިގު "އެވާ ގިވަން" ފުންކުރެވުނީ މިސްރުގެ ގަޑިން ފަތިހު 4:30ގަ އެވެ.
ބޯޓު ފުންކުރި ވަގުތުގެ ވީޑިއޯއެއްގައި ބޯޓު އަނބުރާލައި، އުފާފާޅުކުރުމުގެ ގޮތުން ބަރުގޮނު އަޅާ އަޑުވެސް އިވެ އެވެ.
ޔޫރަޕާއި އޭޝިއާއާ ދެމެދު ދަތުރުކުރެވޭ އެންމެ ކުރުމަގުގައި، ޖެހުނު ގަދަވަޔާއެކު ސުއޭޒް ކެނަލްގެ ހުރަހަށް އެ ބޯޓު ތާށިވުމުން ކެނަލްގައި 369 އެއްހާ ބޯޓު ތާށިވި އެވެ. އޭގެ ތެރޭގައި ބަލްކް ކެރިއަރުތަކާއި ތެޔޮ ޓޭންކަރުތަކާއި އެލްއެންޖީ ގޭސް އުފުލާ ކެރިއަރުތައް ހިމެނޭ ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ)ގެ ޗެއާމަން އޮސާމާ ރަބީ ވިދާޅުވި އެވެ.
އެސްއީއޭ އިން އިއްޔެ ބުނީ ކެނަލް ކޮނުމަށް ކުރަމުންދާ މަސައްކަތުން ދިޔަވަރު ބޮޑުވާ ވަގުތު ބޯޓު ފުންކުރެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ބޯޓު ފުންކުރުމާއެކު ސާފު ނުކުރާ ތެލުގެ އަގު ވަނީ ފީފާއަކުން އެއް ޑޮލަރު ހެޔޮވެފަ އެވެ. އެގޮތުން މިހާރު ތެޔޮ ފީފާއެއްގެ އަގު ވަނީ 63.67 ޑޮލަރަށް ތިތިވެފަ އެވެ. އެ ބޯޓު ބީހުމާއެކު ތެލުގެ އަގު ފީފާއަކުން 3.3 ޑޮލަރު ބޮޑުވި އެވެ.
ދުނިޔޭގެ އިގްތިސާދުގެ 15 ޕަސެންޓް މުދާ އުފުލާ ކެނަލް އަކީ މިސްރަށް ބޭރު ފައިސާ ލިބޭ އެންމެ ބޮޑު ވަސީލަތެވެ. މި ބޯޓު ތާށިވުމުން އެ ގައުމަށް ދުވާލަކު 14- 15 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވެ އެވެ.
އެ ބޯޓު ބީހި ކެނަލް ބަންދުވުމާއެކު ދުނިޔޭގައި މުދާ އުފުލާ އަގު ބޮޑުވެ، މުދަލުގެ އަގު ވެސް މަތިވެފައިވެ އެވެ. އެއީ ކެނަލް ބަންދުވުމުން އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށާލައި އޭޝިއާ އާއި ޔޫރަޕާ ދެމެދު ދަތުރުކުރަން ޖެހުމުންނެވެ. މި ކެނަލް ބަންދުވުމުން 15 އުޅަނދަށް ކޭޕް އޮފް ގުޑް ހޯޕް ވަށާލައިގެން ދަތުރުކުރަން ޖެހުނެވެ. -- އަލް އަރަބިއްޔާ