މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކޮށްފި އެވެ.
ޝަމްއާންއާއި އިމިގްރޭޝަންގެ އިތުރު 2 އޮފިސަރަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ ހޮނިހިރު ދުވަހެވެ.
ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މި މައްސަލައިގައި ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި އިތުރު އޮފިސަރަކުވެސް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.
ޝަމްއާންގެ އިތުރުން އެ މައްސަލައިގާ ހައްޔަރު ކޮށްފައިވަނީ ތ. ބުރުނީ، މޫނިމާގޭ، އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ކ. މާލެ، ގ. ހެޕީސައިޑް، އުމުރުން 37 އަހަރުގެ އިބްރާހީމް އަހްމަދު، ހަމަ އެ ގޭ، އުމުރުން، 47 އަހަރުގެ، ހަސަން ސަހެޝާން އަދި ކ. މާލެ، މ. ހަޒާރީވިލާ، އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން އެވެ.