މި އަހަރުގެ މިހާތަނަށް 70،000 އަށް ވުރެ ގިނަ އަދަދެއްގެ ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 70،000 އަށް ވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 63,919 ފަތުރުވެރިންނެވެ. އެއާއެކު މިއީ މިދިޔަ އަހަރުގެ މިހާތަނާ ބަލައި 10.7 އިންސައްތަ އިތުރުވުމެކެވެ.

އެ ގައުމުން ރާއްޖެއަށް މިދިޔަ މަހުގެ ނިޔަލަށް 70،797 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން މިއީ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ ތެރެއިން 11 އިންސައްތަ ފަތުރުވެރިންނެވެ.

ޗައިނާ އަކީ 2023 ނިމުނު އިރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކުރާ ފަތުރުވެރިންގެ ލިސްޓުން ތިންވަނައިގައި ހިމެނުނު ގައުމެވެ. ނަމަވެސް 2024 އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެ އަހަރު ތެރޭ ޗައިނާއިން ރާއްޖެއަށް 263،042 ފަތުރުވެރިން އައިސްފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއަހަރަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވެ އެވެ.