ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓަށް 12 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް މި މައްސަލަ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.
ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ފަރާތެއް ވެސް އެބަ ތިބި ކަމަށެވެ. އެ ފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރުވެސް އުމުރުން 18 އަހަރުވުމުގެ ކުރިން ސައިކަލް ދުއްވުމުގެ ކުރިން އަރާފައިވާ ޖޫރިމަނާތަކުގެ ސަބަބުންނާއި އެ ޖޫރިމަނާ ދެއްކޭނެ ގޮތެއް ނެތި ލައިސަންސެ ނުނެގި އެތައް ޒުވާނުންތަކެއް އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ 2365 މީހަކު އަދި 2020 ވަނަ އަހަރު 2658 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި މީގެ ތެރޭގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާކުރުމުގެ ސަބަބުން ޖޫރިމަނާ ދައްކާނެ ގޮތެއް ނެތިފައި ތިބި އެތައް ކުދިން އެބަތިބި ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ޖޫރިމަނާތަކަށް ލުއިތަކެއް ގެނެސްދެވޭނެ ގޮތްތަކެއް ތައާރަފްކޮށްފައި ވެ އެވެ. އެގޮތުން ޖޫރިމަނާތަކަށް 10،000 ރުފިޔާއަށްވުރެ އިތުރަށް ޖޫރިމަނާ އަށް އަރާފައިވާ ފަރާތްތަކަން ކޮމިއުނިޓީ ސާވިސްއަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެން ވެ އެވެ. އަދި ކޮމިއުނިޓީ ސާވިސް އަށް ނެރުމުގެ އަމުރު ތަންފީޒު ކުރުމުގެ ގަވައިދު ހަ މަސްދުވަހުގެ ތެރޭގައި އެކުލަވާލަންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް މި ގަވައިދު އަދި ހަދާ ގެޒެޓްކޮށްފައެއް ނުވެ އެވެ. ހަސަންލަތީފް ވަނީ މި ގަވައިދު އެކުލަވާލުމުގައި ބައެއް ކަންކަން އިތުރު ކުރުމަށް ހުށައަޅާފަ އެވެ.
އެގޮތުން ކޮމިއުނިޓީ ސާވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި އަމަލުކުރާނ އުސޫލުތަކާއި ކޮމިއުނިޓީ ސާވިސްގެ ގޮތުގައި ކުރެވޭނެ މަސައްކަތްތަކާއި އެ މަސައްކަތް ކުރެވޭނެ ތަންތަން ކަނޑައެޅުމަށާއި އެ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނެ އުސޫލު ބަޔާން ކޮށް ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ނުކުތުމުން ޝަރުތުތަކާއެކު އެ ފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެ ކަމަށް ބަޔާން ކުރުމަށާއި ދައްކާން ޖެހި ނުދައްކާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުސޫލު ބަޔާން ކުރުމާއި ޖޫރިމަނާ އެއްކޮށް މާފްކުރެވޭނެ ހާލަތްތައް ގަވައިދުގައި ބަޔާންކުރުމަށް މިމައްސަލައިގައި ހުށައަޅާފައިވެ އެވެ.