ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން އެންމެ ފަހުން މިއަދު ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓްގެ މި ނިންމުމާއެކު ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ކަނޑައަޅާފަ އެވެ.
ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލްކުރީ އޭނާގެ ސާބިތު ދަރަންޏެއް އޮވެގެންނެވެ.
ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތްކަން އޭނާއަށް އެންގުމަށް ފަހު އެވެ. ކެންޑިޑެސީ ބާތިލްކުރީ ސާބިތު ދަރަންޏަކާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ ހަސަން މޫސާގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުންނެވެ.
ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އީސީން ކަނޑައަޅަފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.
އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާގޮތަށް 48 ގަޑިއިރުގެ ތެރޭގައި ހަސަން މޫސާގެ ކެނޑިޑެންސީ ގަބޫލުކޮށް އޭނާއަށް ކުރިން ލިޔުން ދިނީ، ޑީޖޭއޭއިން ފޮނުވި އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށް އޮތުމުން ކަމަށެވެ. ނަމަވެސް ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލް ކުރީ، ޑީޖޭއޭ އިން ފަހުން ފޮނުވި ރިޕޯޓެއްގައި އޭނާގެ ދަރަނީގެ ކުށުގެ ރެކޯޑު އޮތް ކަމަށް ހިމެނުމުން ކަމަށް ވިދާޅުވި އެވެ.