ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ދައުލަތުގެ މުއައްސަސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓުދެއްވިއިރު، އެ މައްސަލަ ބަލައިނުގަތުމަށް 44 މެންބަރުން ވޯޓު ދީފައިވެ އެވެ.

މައްސަލައި ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.

ތެރަޕިއުޓިކް ހިދުމަތްތައް ސަރުކާރުގެ އެހީގައި ހިލޭ ލިބޭނެ ހިދުމަތް 2019 ގައި ތައާރަފުކުރެވިގެން ގޮސްފައިވީނަމަވެސް ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ސަރުކާރުން އަދާ ކުރަމުން ނުދިޔުމުން ތެރަޕީ ނެގުމަށް ދައްކަން ޖެހޭ ފައިސާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުން ހަރަދު ކުރަންޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުމާއި، ތެރަޕީ އަގުބޮޑުވަމުންދިޔުމާއި، އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް، ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވަމުންދާކަމީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުގެ މެދުގައި އިންތިހާއަށް ބޮޑުވެފައި އޮތް ކަންބޮޑުވުމެއް ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.

އޯޓިޒަމް އާއި އޭޑީއެޗްޑީފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކި އެކި ހާލަތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެމުންނުދިޔުމުގެ ސަބަބުން ވެސް އާއިލާތަކަށް ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނަށް ގާނޫނުތަކުންނާއި، އިންސާނީ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާއި ބެހޭ އެންމެހާ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ލިބޭނެ މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ބަލައި ނުގަތުމަށް މަޖިލީހުން މުހައްމަދު އިބްރާހިމް ވަނީ ސަރުކާރަށް މުހިއްމު މިވަނީ ކޮންކަންކަންތަކެއްތޯ ސުވާލު ކުރައްވާފަ އެވެ.