އެޗްޑީސީން ސްޕޮންސާގެ ގޮތުގައި ފައިސާ ދޭ މީޑިއާތަކުގެ ލިސްޓާއި އެ މީޑިއާތަކަށް ދޭ ފައިސާގެ އަދަދު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގަވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު އެފަދައިން އަންގާފައި ވަނީ މައުލޫމާތު ނުދީގެން އެޗްޑީސީއާ ދެކޮޅަށް "ހުރިހާ" އިން ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

އެ މައުލޫމާތު ނުދޭން އެޗްޑީސީން ދައްކާ ބަހަނާއަކީ މީޑިއާތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއީ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތަކަށް ވުމުގެ ބަހަނާ އެވެ. ނަމަވެސް އެއްބަސްވުންތަކަށް ބަލާއިރު، އެއީ ސިއްރު ކުރަންޖެހޭ މައުލޫމާތެއް ނޫންކަން އެނގޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމުގައިވެ އެވެ.

އެހެންކަމުން އެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އަންގަވާފަ އެވެ.

މީގެއިތުރުން އެޗްޑީސީން މިދިޔަ އަހަރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދީގެން 15 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އޭގެފަހުން ވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދީގެން ހަތް މައްސަލައެއް ހުށަހެޅިފައިވާތީ، އެގޮތަށް ކަންކަން ކުރަނީ ކީއްވެގެން ކަމާއި އެކަން ހައްލުކުރުމަށް އެ އިދާރާއިން މަސައްކަތެއް ކުރެވިފައިވާނަމަ އެކަމުގެ ތަފްސީލް އެ އޮފީހަށް ފޮނުވައިދިނުމަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެޗްޑީސީއަށް އަންގަވާފަ އެވެ.