މިމަގެ މަހު 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދޭންވީ އެންމެ ރަނގަޅަށް ނަތީޖާ ނެރެދެވޭނެ ކެންޑިޑޭޓަކަށް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ.މުއިއްޒުގެ ސޯޝަލް މީޑިއާ ޗެނެލްތައް ރަސްމީކޮށް ލޯންޗް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދިހަ ދުވަހަކީ ގައުމުގެ މުސްތަގުބަލް ކަނޑައެޅުމުގައި ގޮތެއް ނިންމަން އޮތް ދިހަ ދުވަސް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބަށް ވަގުތު ކުޑަތަން ވެއްޖެ ކަމަށާއި ރައްޔިތުން ގޮތް ނިންމާއިރު، ވަކި ޕާޓީއެއްގެ މީހަކަށް ވޯޓް ދިނުމުގެ ބަދަލުގައި، ރައްޔިތުންނާއެކު މަސައްކަތް ކުރާނެ އިޚްލާސްތެރި ކެނޑިޑޭޓަކަށް ވޯޓް ދެއްވުމަށް އެދޭ ކަމަށް މުއިއްޒު އޭނާ ވިދާޅުވި އެވެ.

"އެއީ ރާއްޖޭގެ މުސްތަގުބަލް އަޅުގަނޑުމެންގެ އަތުން އުޖާލާ ދުވަސްތަކަކަށް ބަދަލު ކުރާނީތޯ ނުވަތަ މިގައުމުގެ މުސްތަގުބަލް ބަނަކަމުގެ ތެރެއަށް ދޫކޮށްލާނީތޯ ނިންމަން އޮތް ދިހަ ދުވަސް. މިގައުމުގެ ކަންކަން ގާތުންނާއި ދުރުން ބައްލަވަމުން ގެންދަވާ ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރައްވާނެ މިހާރު ކަންކަން މިދަނީ ރަނގަޅަށް ނޫންކަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ އެކި ދާއިރާތަކަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓުން ވެސް ބައިވެރިވެ ވަޑައިގަތް ރަސްމިއްޔާތުގައި މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ އާއެކު ޕީޕީއެމްގެ ފަރާތުން މާލެ ސިޓީއަށް ވާދަކުރައްވާ ކެނޑިޑޭޓުން ވެސް ގައުމަށް އެއްވެސް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ. އެ ކެންޑިޑޭޓުންނަކީ ތަޖުރިބާ އާއި ތައުލީމާއެކީ މާލެއަށް ތަރައްގީ ގެނެސްދެއްވާނެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ރާއްޖޭގެ ހާލަތު ގޯސްވަމުން އަންނައިރު އެކަމަށް ހައްލެއް ގެނެވޭނީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުންނަށް ކަމަށާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރާނެ ޓީމަކީ ވެސް މިއީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އޭނާ ވަނީ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ގުޅިފަޅަކީ ގެދޮރުވެރި ކަމަށް ޚާއްސަ ކުރާނެ ބިމެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ އަޅުގަނޑު މަސައްކަތް ކުރާއިރު އެއްވެސް ވަރަކަށް ބަލާ ކަމެއް ނޫނޭ. އަޅުގަނޑާ އެކީގައި މަސައްކަތް ކުރާ މީހުންނަކީ ކޮން ފިކުރެއްގެ ބައެއްތޯ. އަޅުގަނޑު އިސްކަން ދޭނަމޭ ޓީމެއް ގޮތުގައި މަަސައްކަތް ކުރަން،" މުޢިއްޒު ވިދާޅުވި އެވެ.