މުނިފޫހިފިލުވުމުގެ ދާއިރާގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ހަފްލާއަކީ މެޓް ގާލާ އިވެންޓެވެ. ކޮންމެ އަހަރެއްގެ މެޓް ގާލާގައި ވެސް ތަފާތު މަންޒަރުތަކެއް ފެނިގެންދެ އެވެ.
އެގޮތުން އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ މެޓް ގާލާގައި ވެސް މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާއިރު ތަފާތު މަންޒަރުތަކެއް ފެންނާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.
މިފަހަރުގެ މެޓް ގާލާގެ މެހެމާނުންގެ ލިސްޓެއް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު އެ ލިސްޓުގައި ވެސް ފާހަގަ ކޮށްލެވޭ ގިނަ ނަންތަކެއް ހިމެނެ އެވެ. އެގޮތުން މިއަހަރުގެ މެޓް ގާލާގައި މިއުޒިކް ދާއިރާއިން ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޖޯއީ ކިންގް، މިރެންޑާ ކޭރް އަދި ކްލެއާ ފެންނާނެ އެވެ.
ހަމައެއާއެކު މިފަހަރުގެ ރެޑް ކާޕެޓްގައި ނިކޯލް ކިޑްމަން، ޒެންޑާޔާ، ސެބްރީނާ ކާޕެންޓާ ފަދަ ހޮލީވުޑްގެ ތަރިން ވެސް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ އިތުރުން މިއަހަރަކީ ބޮލީވުޑްގެ މޫނުތަކެއް ވެސް އެންމެ ފުރަތަމަ މެޓް ގާލާއިން ފެންނާނެ އަހަރު ކަމަށް ބުނެވެ އެވެ. އޭގެ ތެރޭގައި ސުޕަ ސްޓާ ޝާހްރުކް ޚާން ފާހަގަ ކޮށްލެވެ އެވެ.
މެޓް ގާލާއަކީ ފެޝަންގެ ދުނިޔޭގައި ބާއްވާ އެންމެ ކުލަގަދަ އެއް ހަފްލާއަށްވާއިރު ކޮންމެ އަހަރަކު ވެސް އެ ހަފްލާއަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ.