ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން އޭނާގެ އެންމެ ފަހުގެ މަސައްކަތް ކަމަށްވާ "ދި އޮޑިސީ" އަށް ބޮޑު ކާމިޔާބީއެއް ލިބެމުން ދާއިރު، ކުރިއަށް އޮތް ތަނުގައި ބިރުވެރި ފިލްމެއް އުފައްދާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

އޭނާގެ ފިލްމުތަކާ މެދު ސުވާލުކުރާ މީހުންނަށް ރައްދު ދެމުން ނޯލަން ބުނީ "ޓިކެޓެއް ގަނެގެން ސިނަމާއަށް ގޮސް ބަލާލުމުން" ހުރިހާ ކަމެއް ސާފުވާނެ ކަމަށެވެ.

ބިރުވެރި ފިލްމުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނޯލަން ބުނީ، ހޮރޯ ފިލްމުތަކަކީ ސިނަމާގެ ވަރަށް ޝައުގުވެރި ޖޯންރާއެއް ކަމަށާއި، އެފަދަ ފިލްމުތަކުގައި ސިނަމާގެ ވަރަށް އިހުސާސީ އަދި އަސަރުގަދަ އުކުޅުތައް ބޭނުންކުރެވޭ ކަމަށެވެ.

މީގެ ކުރިންވެސް "އިންސެޕްޝަން" އާއި "އޮޕަންހައިމާ" ފަދަ ފިލްމުތަކުގައި ބިރުވެރި ނުވަތަ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ މަންޒަރުތަކެއް ހިމަނާފައިވާނެކަން ފާހަގަކުރަމުން ނޯލަން ބުނީ، ރަނގަޅު ހިޔާލެއް ލިބިއްޖެނަމަ ފުރިހަމަ ބިރުވެރި ފިލްމެއް އުފެއްދުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެއް ކަމަށެވެ.

ނޯލަންގެ އެންމެ ފަހުގެ ފިލްމު "ދި އޮޑިސީ" އަކީ ސިނަމާތަކުގައި ބޮޑު ތަރުހީބެއް ލިބެމުންދާ ފިލްމެކެވެ. ރެކޯޑް އަދަދަކަށް އާމްދަނީ ހޯދަމުންދާ މި ފިލްމަކީ ގްރީކް މައިތޮލޮޖީގެ މައްޗަށް ބިނާކޮށް، ނޯލަންގެ ހާއްސަ އުކުޅުތަކާއެކު އުފައްދާފައިވާ ބޮޑު މާސްޓަޕީސް އެކެވެ. ފިލްމަށް ލިބެމުންދާ ތައުރީފާއެކު، ނޯލަން ދެން ކުޅޭނެ ޖޯންރާއަކާމެދު ސިނަމާގެ ދުނިޔޭގައި ވަނީ ބޮޑު ބަހުސެއް ފެށިފަ އެވެ.

އޭނާގެ ފިލްމުތަކުގެ މާނައާމެދު މީހުން ކުރާ ބަހުސްތަކަށް އިޝާރާތްކޮށް ނޯލަން ބުނީ، އޭނާގެ ފިލްމުތަކަކީ މާބޮޑަށް މާނަ ހޯދަން ވިސްނުމުގެ ބަދަލުގައި، ސިނަމާގައި އިހުސާސް ކޮށްލަންޖެހޭ ތަޖުރިބާތަކެއް ކަމަށެވެ.

އެހެން ކަމުން ކަންކަމާ މެދު މާބޮޑަށް ސުވާލުކުރުމުގެ ބަދަލުގައި "ޓިކެޓެއް ގަނެގެން" ސިނަމާގެ ތަޖުރިބާ ހޯދުމަށް އޭނާ އިލްތިމާސް ކުރި އެވެ.