މިމަހުގެ 18 ވަނަ ދުވަހު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލަ ބެލުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒު އަތުވެއްޖެނަމަ ވަގުތުން އިސްތިއުފާދެއްވާނެ ކަމަށް މި މައްސަލައާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާ ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ އެބޭފުޅާ އަކީ ނުފޫޒު ހިންގަން ފަސޭހަ މީހަކަށް ނުވާނެކަން އެބޭފުޅާ ދަންނަ މީހުންނަށް އެނގޭނެ ކަމަށެވެ. އަދި މިނިވަންކޮށް އެ ކޮމިޝަނުން ބަލަން ޖެހޭ ކަންތައްތައް ބެލުމުގައި މުނައްވަރުގެ މައްޗަށް ނުފޫޒު ހިންގަން ފަސޭހަ ނުވާނެ ކަމަށާއި އެ ކޮމިޝަނުގައި ދެން ތިބި މެންބަރުންނާއި މެދުވެސް ސުވާލު ނުއުފެދޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާ ޑރ. މުހައްމަދު މުނައްވަރު އަދި ކޮމިޝަނުގެ މެމްބަރުން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މި މައްސަލަ ވަރަށް މިނިވަންކޮށް ގެންދެވޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވަމުން އޭނާ ވިދާޅުވީ އެއްވެސް ފަރާތެއް ނުފޫޒެއް މި މައްސަލަ ބެލުމުގައި އަތުވެއްޖެ ނަމަ ވަގުތުން އެ ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

"މިނިވަންކޮށް، އެ ޔަގީންކަން މިހާރުވެސް އަރުވަފާނަން އިނގޭތޯ. މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖިއްޔާ އެއްވެސް ފަރާތެއްގެ ނުފޫޒަށް، އަޅުގަނޑުމެންނަށް ފެންނަ ގޮތް ނޫން ގޮތަކަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖިއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން،" މުނައްވަރު ވިދާޅުވި އެވެ.

މިއާއެކު މުނައްވަރު ވަނީ މި މައްސަލައިގެ ހައްސާސްކަމާއި މެދު ވިސްނާއިރު، ވަރަށް އަވަހަށް މި މައްސަލައިގެ މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.