ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވެދާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފި އެވެ.

މެޓު އޮފީހުން ބުނެފައިވަނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ފެށެންދާ ދުވަސްވަރުކަމުން، ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭކަމަށާއި ވޭތުވެދިޔަ 24 ގަޑިއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށްފައިވާކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނެ ކަމަށް މެޓުން ބުނެފައިވެ އެވެ. އަދި ބައެއް ހިސާބުތަކުގައި އާންމުވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ބުންޏެވެ.

މިއާއެކު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.