ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 16 ޕަސެންޓް ކުދިން ނުކިޔަވާ، ތަމްރީނު ނުހަދާ އަދި މަސައްކަތެއް ވެސް ނުކުރާ ކަމަށް ހާމަވެއްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންގެ އާބާދީގެ ތެރެއިން 91 ޕަސެންޓު ކުދިން ކިޔަވަމުންދެ އެވެ. މިއީ 99،300 ކުދިންނެވެ.

ކުޑަކުދިންގެ ތެރެއިން ފިރިހެން ކުދިންގެ އަދަދު އަންހެން ކުދިންނަށްވުރެ މަތިވެ އެވެ. ފިރިހެން ކުދިންގެ އަދަދަކީ 68،396 އެވެ. އަންހެން ކުދިންގެ އަދަދަކީ 62،758 އެވެ. އަދި ގިނަ ކުދިން ދިރިއުޅެނީ މާލެ ނޫން ރަށްރަށުގަ އެވެ.

އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު މަސައްކަތް ކުރާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. މިއީ ގާތްގަނޑަކަށް 17،500 ކުދިންނެވެ. މަސައްކަތްކުރާ ކުޑަކުދިންގެ ތެރެއިން ގިނައީ ފިރިހެން ކުދިންނެވެ.

މަސައްކަތްކުރާ ކުޑަކުދިން އެންމެ ގިނައިން ހަރަކާތްތެރިވަނީ ހޯލްސޭލް/ ރީޓެއިލް ވިޔަފާރި އާއި މޮޓޯ ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތުގެ ދާއިރާގަ އެވެ.

މީގެ އިތުރުން، އެކޮމޮޑޭޝަން އަދި ކެއިންބުއިމުގެ ވިޔަފާރީގައާއި ދައުލަތުގެ އިދާރީ، ސަލާމަތީ އަދި އިޖްތިމާއީ މަސައްކަތުގެ ދާއިރާގައި ވެސް ގިނަ ކުދިން މަސައްކަތް ކުރާކަން ފާހަގަކޮށްފައިވެ އެވެ.