ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ޕްރޮމޯޓުކުރުމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް އިސްވެ ހުންނަވާ އުފެއްދި ޓީވީ ސްޓޭޝަން، "އެމްއެމް ޓީވީ" ގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި އެކި ކަހަލަ އިންޒާރުތައް ދެމުން އަންނަކަން ހާމަވެއްޖެ އެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް، "އެމްއެމް ޓީވީ"ގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން "ހުރިހާ" އަށް ބުނީ އެތަނުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުން ވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

އެތަނުގެ މުވައްޒަފުންނަށް ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރުދީ ބިރުދައްކަމުން ދަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ހަލީލް ކަމަށް އެ މުވައްޒަފުން ބުންޏެވެ.

އެ މުވައްޒަފުން ބުނީ މިހާރު ކުރަމުންގެންދާ ޒުވާނުންގެ މުޒާހަރާ ވެސް ނުބެލުމަށް އެތަނުގެ މުވައްޒަފުންނަށް މިނިސްޓަރު އިހުސާނާއި މިނިސްޓަރު ޚަލީލް އަންގާފައިވާ ކަމެވެ. އަދި އެފަދަ ކަމެއް ކުރިކަން އެނގިއްޖެ ނަމަ ވަގުތުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް އެ މުވައްޒަފުން ކިޔައިދިނެވެ.

"މިނިސްޓަރު އަލީ އިހުސާން ވެސް އަޅުގަނޑުމެންނަށް ގުޅާފަ އިންޒާރު ދޭ. އެމްޑީޕީ މީހަކާ ރައްޓެހިކަން ވެސް ނުބޭއްވުމަށް ވަނީ އަންގާފައި. އަދި އިދިކޮޅު މީހަކާ އަނގައިން ނުބުނަން ވެސް ވަނީ އަންގާފައި. އެތަނުގައި އެއްވެސް މިނިވަން ކަމެއް ނެތް. އެންމެން ތިބެނީ ބޮޑު ބުރުވެރިކަމެއްގެ ތެރޭގައި،" އެމްއެމް ޓީވީގެ މުވައްޒަފަކު ކިޔައިދިނެވެ.

އެ މީހުން ބުނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މީހަކާ ރައްޓެހިކަމުގައި ވިޔަސް ވާހަކަދެއްކުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މިނިވަންކަމެއް ވެސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ނެތްކަމަށް ވެސް އެ މީހުން ކިޔައިދިނެވެ.

އެމްއެމް ޓީވީގެ މުވައްޒަފުންނަށް މުސާރަ ވެސް ދެނީ މަސް ނިމިގެން އަނެއް މަހަށް އަޅައިގެން ގޮސް ދެ މަސްވާން ކައިރިވެފައި ވަނިކޮށް ކަމަށް އެތަނުގެ މުވައްޒަފުން ކިޔައިދިނެވެ.

"ގިނަ ފަހަރު މުސާރަ ވެސް މުވައްޒަފުންނަށް ރަނގަޅަށް ނުދޭ،" މުވައްޒަފަކު ކިޔައިދިނެވެ.

މުވައްޒަފުން ބުނީ އެމްއެމް ޓީވީ އޭ ކިޔައިގެން މީހެއްގެ ކައިރީގައި އަނގަ ހުޅުވާލިޔަސް ބަޔާން ނަގައި ފިޔަވަޅު އަޅާ ކަމަށެވެ. އެފަދަ ސަބަބުތަކާ ހެދި ވަރަށް ގިނަ މުވައްޒަފުން ވަނީ އެތަނުގެ ވަޒީފާއިން ވަކިވެފަ އެވެ.

"މުސާރަ ނުދީ ވެސް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި އެބަހުރި،" މުވައްޒަފަކު ކިޔައިދިނެވެ.

އެ މީހުން ކިޔައިދިން ގޮތުގައި އެމްއެމްޓީވީގައި ހުރިހާ ނުފޫޒެއް ފޯރުވައި ތަނުގެ މަސްލަހަތު ނަގާލަނީ މިނިސްޓަރު ޚަލީލާއި އިހްސާނެވެ.

އެމްއެމް ޓީވީގެ މަސައްކަތަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރަސްމީ ގަޑީގައްޔާއި އިތުރު ގަޑީގައި ބޭނުން ކުރާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

"އެމްއެމް ޓީވީ" ރަޖިސްޓްރީ ކޮށްފައިވަނީ މޯލްޑީވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓަޑްގެ ދަށުން އަބްދުﷲ ޒާހިރު ކިޔާ ހއ. ވަށަފަރު މީހެއްގެ ނަމުގަ އެވެ. ޒާހިރުއަކީ ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަކީ ދުވަހަކު ވިޔަފާރިއެއްކޮށް، އަދި މީޑިއާއެއްގައި އެއްވެސް މަސައްކަތެއް ކުރި މީހެއް ވެސް ނޫނެވެ.

ސޯޝަލް މީޑިއާގައި މީގެ ކުރިން ދައުރުވެފައިވާ ލިޔެކިޔުތަކުން އެނގިފައިވަނީ އެންސްޕާ އާއި އެމްއެމް ޓީވީ ހިންގާ ކުންފުނި މޯލްޑިވްސް މީޑިއާ ހައުސްއާ ދެމެދު 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދާފައިވާ ކަމެވެ. ބަލާ ހޯދާލުމުން ހާމަވެގެން ދިޔައީ އެއީ އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފުމާ ގުޅޭ އެއްބަސްވުމެއް ކަމެވެ.