އަވަށްޓެރި ޕާކިސްތާނަށް ދިއުމަށް ވުރެ ނަރަކައަށް ދިއުން ވެސް އޭނާއަށް މާ ރަނގަޅު ކަމަށް ބުނެ ބޮލީވުޑްގެ ޅެންވެރިޔާ ޖާވިދު އަޚްތަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން މުމްބާއީގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން ޖާވިދު ވަނީ އޭނާގެ ޚިޔާލު ފާޅުކުރުމުގެ ގޮތްފާޑު ހުންނަ ގޮތުން އާއްމުންގެ ފަރާތުން އަމާޒުވާ ފާޑުކިޔުންތަކަށް އަލިއަޅުވާލާފަ އެވެ.
ޖާވިދު ބުނީ އޭނާ އަކީ ފާޅުގައި އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ހިޔާލުތައް މިނިވަންކަމާއެކު ފާޅުކުރާ މީހަކަށް ވުމުން ހުރިހާ ފަރާތަކުން ވެސް އޭނާއަށް ފުރައްސާރަ އަމާޒުވާ ކަމަށެވެ. އެގޮތުން އޭނާއަށް ފުރައްސާރަކުރާ ބައެއް މީހުން އޭނާ ނަރަކައަށް ދާން ޖެހޭ ކަމަށް ބުނާއިރު އަނެއް ބަޔަކުު ވަނީ އޭނާ ޕާކިސްތާނަށް ފޮނުވަން ޖެހޭ ކަމަށް ބުނެފަ އެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ޖާވިދު ބުނީ ޕާކިސްތާނަށް ދިއުމަށް ވުރެ ނަރަކައަށް ދިއުން ވެސް އޭނާއަށް މާ ރަނގަޅު ކަމަށެވެ. ޖާވިދު ވަނީ މިފަހުން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެގެން ދިޔައިރު ޕާކިސްތާނަށް ފާޑުކިޔާފަ އެވެ.
މުސްލިމް އާއިލާއަކަށް އުފަން ޖާވިދު ވަނީ ވަރަށް ފަހުން އޭނާއަކީ އެއްވެސް ދީނެއް ގަބޫލުކުރާ މީހެއް ނޫން ކަމަށް ބުނެ އިސްލާމް ދީނުން ބޭރުވެފަ އެވެ.