ދީބާޖާ އިންވެސްޓްމެންޓަށް ދައުލަތުން 348 މިލިއަން ރުފިޔާގެ ބަދަލުދޭން ކުރި ހުކުމް ބާތިލްކޮށް، އަލުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަން އަންގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދީބާޖާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏެކެވެ. އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެގްރިމަންޓް ބާތިލުކުރުމުން، ގެއްލުުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށް ދީބާޖާ އިން ދައުވާ ކުރި ނަމަވެސް، ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށެވެ. ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ. ދީބާޖާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކުރީގެ ފަނޑިޔާރުން ވަނީ ބަދަލު ދޭންޖެހޭ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފަ އެވެ.
އެ ހުކުމާ އެއްގޮތަށް ދީބާޖާއަށް ބަދަލުދޭން މި ސަރުކާރުން ނިންމި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ހުށަހެޅުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ކޯޓުން އެ މައްސަލާގައި މީގެކުރިން ކުރި ހުކުމުގައި ހައިކޯޓުގެ ހުކުމް ކަމުނުދާ ނުވަތަ ގާނޫނީ ގޮތުން ހަމަނުޖެހޭ އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. ހަމައެހެންމެ ސިވިލް ކޯޓުގެ ހުކުމަކީ ގާނޫނީ ގޮތުން އެކަށޭނެ ނިންމުމެއްކަން ނުވަތަ ނޫން ކަމާ މެދުވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް މިއަދު ކުރި ހުކުމްގައިވެ އެވެ.
އެ ސަބަބުތަކާ ހެދި އެ ހުކުމާ މެދު އެ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑަނޭޅޭނެ ކަމަށް ނިންމައި މީގެކުރިން ކުރި ހުކުމް މިއަދު އެ ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި މިއަދުން ފެށިގެން ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު ދީބާޖާއަށް ލިބިގެންވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.