ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ނަން ހުށަހެޅުމަށް މާދަމާ ފަށާ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ ނިމިދިޔަ އޭޕްރީލް މަހު އެވެ. އޭގެ ފަހުން ޖަލްސާތައް މާދަމާ ފަށާއިރު، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަޤާމަށް ޢައްޔަންކުރުމަށް ހުށަހަޅާ ނަންތައް ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
މީގެ އިތުރުން، ނޭޕާލް، އަޔަލެންޑް އަދި ޔޫކްރެއިންއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ ނަންތައް ހުށަހެޅުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ.އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށް، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ. މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
ނަމަވެސް ފަނޑިޔާރުންނަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާ ނަންތައް އެނގޭނީ މާދަމާގެ މަޖިލިސް ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމު ހުސްވެފައިވަނީ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތަސް އެ ދެ ބޭފުޅުންނަށް އެ ފުރުސަތު ނުދޭން ކޮމިޓީން ނިންމި އެވެ.