އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް އެސްޓްރަޒެނެކާގެ އެންމެ ފަހުގެ ކްލިނިކަލް ބޭހުން އާ އުއްމީދެއް ލިބިއްޖެ އެވެ.

ޗިކާގޯގައި ބޭއްވި އެމެރިކަން ސޮސައިޓީ އޮފް ކްލިނިކަލް އޮންކޮލޮޖީގެ ބައްދަލުވުމުގައި ހުށައަޅާފައިވާ ކަރުދާހުގައި އެ ބޭހުގެ ސަބަބުން އެ ފަރުވާއަށް ލިބުނު ކުރިއެރުމަށް އަލިއަޅުވާލާފައިވެ އެވެ.

އެގޮތުން ތަހުލީލީ މަރުހަލާގައިވާ އެ ބޭހުގެ ސަބަބުން އުރަމަތީގެ ކެންސަރު އިތުރަށް ފެތުރުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

އެއާއެކު އެ ބަލީގައި މަރުވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑުތަން ކުޑަކޮށްދޭ ކަމަށް އެ ތަހުލީލުގައި ބައިވެރިވި ސައިންސްވެރިން ވަނީ ބުނެފަ އެވެ.

އެގޮތުން މި ބޭސް އުރަމަތީގެ ކެންސަރުގެ ފުރަތަމަ މަރުހަލާއަށް ފަރުވާ ކުރަމުންދާ ބައެއް އަންހެނުންނަށް ދެވިފައިވާ ކަމަށާއި އެއިން އުއްމީދީ ނަތީޖާތަކެއް ލިބިފައިވާ ކަމަށް މާހިރުން ބުނެ އެވެ.

އެގޮތުން މި ބޭހުން ފަރުވާ ހޯދި ބަލި މީހުންގެ ހާލަތު ގޯސްވާން 16 މަސް ދުވަސް ނެގިއިރު ކުރީގެ ބޭސް ފަރުވާ ކުރިއަށް ގެންދިޔަ މީހުންގެ ބަލި ވަނީ 9 މަސް ދުވަހުގެ ތެރޭގައި އިތުރަށް ގޯސްވެފަ އެވެ.

އުރަމަތީގެ ކެންސަރަކީ އަންހެނުންގެ މެދުގައި އެންމެ އާއްމު އެއް ބާވަތުގެ ކެންސަރަށް ވާއިރު ކޮންމެ އަހަރަކު ވެސް އެ ބަލީގައި ގިނަ އަންހެނުންތަކެއް މަރުވެ އެވެ.