ބިގްބޮސް އާއި ޖަލަކް ދިކަލާޖާ ފަދަ ހިންދީ ރިއަލިޓީ ޝޯތަކުން ފެނިގެން ގޮސްފައިވާ ސަނާ ޚާން އޭނާގެ ފިރިމީހާ އަނަސް ސައްޔަދުއާއެކު ހައްޖުގެ އަޅުކަން އަދާކުރަމުން އެބަދެ އެވެ.
ސަނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އޭނާގެ ބައްޕައާއެކު ކުރަމުން އަންނަ ހައްޖު ދަތުރުގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯއާއެކު ސަނާ ބުނެފައިވަނީ މާތް ﷲގެ ދައުވަތު ލިބުމުން އައީ ކަމަށާއި އޭނާގެ އެންމެހާ ފާފަތައް ފުއްސަވައިދެއްވުން އެދޭ ކަމަށެވެ.
އަލް ޚާލިދު ޓުއާސްގެ ހަވާލުގައި ސަނާގެ ދެމަފިރިންނާއި އޭނާގެ ބައްޕަ ހައްޖުގެ އަޅުކަން އަދާކުރަމުން ދާއިރު މިއީ އޭނާގެ ތިންވަނަ ހައްޖެވެ.
މީގެ ކުރިން ސަނާ އަނަސްއާއެކު ހައްޖު އަޅުކަމުގެ އިތުރުން އުމްރާގެ އަޅުކަން ވެސް ފުރިހަމަ ކޮށްފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
އަނަސްއާ ކައިވެނި ކުރުމަށްފަހު މުނިފޫހިފިލުވުމުގެ ދާއިރާ އެއްކޮށް ދޫކޮށްލި ސަނާ މިހާރު އަންނަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމީ ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި ސަނާ އުޅުނުއިރު އޭނާ ފާހަގަ ކުރެވިފައިވަނީ މައްސަލަ ބޮޑު އެކްޓަރެއްގެ ގޮތުގަ އެވެ.