ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފި އެވެ.

ޝެއިޚްގެ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެންނަން އާއިލާއިން މަސައްކަތްކުރި ނަމަވެސް، ހަށިގަނޑު މެލޭޝިއާ އިން ގެންނަ ނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވީ އެވެ.

އެހެންވެ، އާއިލާއިން ވަނީ ޝެއިޚް ގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމާފަ އެވެ.

މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ޚިދުމަތް ޖަމިއްޔާގެ ވަފްދަކާއެކު މެލޭޝިޔާ އެއާޕޯޓަށް ވަޑައިގަތްތަނާ ޝައިޚް ފަރީދު ވެއްޓި ނޭވާލާން އުނދަގޫތަކެއް ކުރިމަތިވިއެވެ. އެއަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އަވަހާރަވެފަ އެވެ.

ޝައިޚް ފަރީދަކީ ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނެވި ބޭފުޅެކެވެ.

ޝައިޚް ފަރީދަކީ ގަތަރުން ދީނީ ރޮގުން މަތީ ތައުލީމް ހާސިލުކުރެއްވި ޝައިޚް ފަރީދަކީ ދެހާހުގެ ކުރީކޮޅު ދީނީ ރޮނގުން މީހުން ހޭލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

ކުރިމަތިވި ގިނަ ގޮންޖެހުންތަކުގެ ތެރެއިން ޝައިޚް ފަރީދަށް ދީނީ ނަސޭހަތް ދިނުމަށް ސަރުކާރުން ދީފައިވާ ހުއްދަ 2003 ވަނަ އަހަރު ބާތިލްވެސް ކޮށްފައިވެ އެވެ.

އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އޮގަސްޓު 12-13 ގައި ކުރި މުޒާހަރާތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވެސް ޝައިޚް ފަރީދުގެ މައްޗަށް އުފުލާފައިވެ އެވެ.