މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ބޭނުންވާ ފައިސާ 24 ގަޑިއިރު ތެރޭގައި ހަމަވެއްޖެ އެވެ.

ޝެއިޚް އިސްކޮށް ހުންނަވައިގެން ހިންގަވާ، ހިދުމަތް ޖަމިއްޔާއިން، އެބޭފުޅާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ފައިސާ އެއްކުރުމަށް ހުޅުވާލީ އިއްޔެ އެވެ.

ހިދުމަތް ޖަމިއްޔާއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިސްކިތް އެޅުމަށް ހަރަދުވާނީ ގާތްގަނޑަކަށް 760،000 ރުފިޔާ ކަމަށާއި އެއީ 250 އަކަމީޓަރުގެ، 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

"ޝޭޚް އިސްލާމް ދީނަށް ކޮށްދިން ޚިދުމަތަކީ އަޅުގަނޑުމެންގެ ދުލާއި ޤަލަމުން ކިޔާދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެކެވެ.ޝޭޚް އަޅުގަނޑުމެންނަށް ދޫކުރެއްވި ހެޔޮ ނަޞޭހަތާއި ޢިލްމުން ﷲ ތަޢާލާގެ އިރާދަފުޅާއެކު، އަޅުގަނޑުމެން އަދިވެސް ފައިދާ އެބަ ލިބިގަންނަމުއެވެ.ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރަން، އެބޭފުޅާގެ ޢިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެއެވެ." ހިދުމަތް ޖަމިއްޔާގެ ޕޯސްޓުގައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ އެކަން އިއުލާން ކުރިތާ ހަތް ގަޑިއިރު ތެރޭގައި މިސްކިތް އެޅުމަށް ބޭނުންވާ 80 އިންސައްތަ ފައިސާ ލިބިފައިވާކަމަށެވެ.

މިއާއެކު މިއަދު ހެނދުނު އެ ޖަމިއްޔާއިން ބުނީ މިސްކިތް އެޅުމަށް ބޭނުންވާ ވަރަށް ފައިސާ ވަނީ ލިބިފަ އެވެ.

ޝައިޚް އިސްކޮށް ހުންނަވާ ހިދުމަތް ޖަމިއްޔާއިން މީގެ ކުރިން ވެސް ވަނީ ދިވެހިންގެ އެހީގައި، ބަންގްލަދޭޝް އާއި އެހެން ބައެއް ގައުމުތަކުގައި ގިނަ މިސްކިތްތައް ބިނާކޮށްފައިވާއިރު، އެކަމުގައި ކުރައްވާ ގިނަ ދަތުރުތަކުގައި، އެބޭފުޅާ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ޝައިޚް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ޚިދުމަތް ޖަމިއްޔާގެ ވަފްދަކާއެކު މެލޭޝިޔާ އެއާޕޯޓަށް ވަޑައިގެންނެވިތަނާ އެވެ.

މިއަދު މެންދުރު ފަހު މެލޭޝިއާގައި ޝައިޚް ފަރީދުގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވާއިރު، މި ހުކުރު ދުވަހު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޝެއިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.

ޝައިޚް ފަރީދަކީ ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނެވި ބޭފުޅެކެވެ.

ގަތަރުން ދީނީ ރޮގުން މަތީ ތައުލީމް ހާސިލުކުރެއްވި ޝައިޚް ފަރީދަކީ ދެހާހުގެ ކުރީކޮޅު ދީނީ ރޮނގުން މީހުން ހޭލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.