ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފެއްދި ނިޒާމެއް ކަމަށާއި އެނިޒާމަށް އެންމެ ފަރިތަވާނީ އެ ޕާޓީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ކައުސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ނިންމާލުމަށް ރޭ އއ. ރަސްދޫ ފަޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގަން އެނގޭ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިނަމަވެސް އެއި އެބޭފުޅުންނަށް ކުރަން އެނގޭ ކަމެއް ނޫން ވަރަށް ސާފުކޮށް ފެންނަށް އެބައޮތް ކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، މި ހާލީގައި ހުރި ކޮންމެ ނަރުފުކެއްހައި މިންވެސް އެ ޕާޓީއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެ ހާލީގެ ކޮންމެ ނަރުކޮޅެއް އަދި ހާލީގެ ކޮންމެ ފަތްކޮޅެއް ގެންގޮސް ގަހުގައި ބޭއްވީ އެމްޑީޕީގެ ތުނބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކާޅުގެ ހާއްޔަށް ބިސްއެޅުމަކީ ކޮވެލީގެ އާދައެއް ކަމުގައި ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، މި ހާއްޔަށް ޕީޕީއެމަކަށް އަދި އެއްވެސް އެހެން ބަޔަކަށް ބިސް ނޭޅޭނެ ކަމަށެވެ. މި ހާލީގައި ބިސް އަޅާނީވެސް ފީކުރާނީ އަދި ދޫނި ނެރެ އުދުއްސައިލާނީވެސް އެމްޑީޕީން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.