ބައެއް ބޮޑެތި ރިސޯޓްތަކުން ރުފިޔާ އިން ސާވިސް ޗާޖް ދޭން ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އެއީ މަކަރާއި ހީލަތް ހެދުން ކަމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިރޭ އެކްސްގައި ވިދާޅުވީ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ޑޮލަރުން އެމްއެމްއޭއަށް މާރުކުރުމުން ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، އަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށެވެ.
ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށާއި އެހެންކަމުން މުވައްޒަފަށް ސާވިސް ޗާޖް ދޭންޖެހޭނީ ޑޮލަރުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
https://x.com/qasimibrahim/status/1935377479994356087ޑޮލަރުން ނޫންގޮތަށް މުވައްޒަފަށް ސާވިސްޗާޖް ދިނުމަށް އިންކާރުކުރާނަމަ، އެއީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.
" މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްވެސްމެއެވެ،" ގާސިމް ވިދާޅުވި އެވެ.
އެހެންކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުވައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަކީވެސް އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތިއެބައޮތެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ގާނޫނުންވެސް އެ ލުއި ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުވައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓްތައް ހިންގާ އެ ކުންފުނި ކަމަށްވާ ޔުނިވާސަލް އިން ވަނީ މުވައްޒަފުންނަށް ސާވިސް ޗާޖް މީގެފަހުން ރުފިޔާ އިން ދިނުމަށް ނިންމާފަ އެވެ.