ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅި މަރުހަބާ ދެންނެވުމުގެ ހަފްލާ ބާއްވަން ސަލްޓަން ޕާކް ދީފި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް އެ މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން މިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށެވެ. އަދި އެތަން ކުއްޔަށް ދިނުމަށް އުސޫލެއް ވެސް ކަޑައަޅާފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް ނިންމާފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެ ހަފްލާ ބާއްވަން ސަލްޓަން ޕާކް ދީފައި މިވަނީ ހަފްލާ ބާއްވާނެ ނަތެއް ސަރުކާރުން ހަމަޖައްސައިނުދީގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށެވެ.

ސަރުކާރުން ތަނެއް ހަމަޖައްސައިނުދީފިނަމަ ހޯމަ ދުވަހުގެ ރޭ 9:00ގައި މުލީއާގޭ ކަންމަތީގައި އެ ހަފްލާ ބާއްވާނެ ކަމަށް ފައްޔާޒް ވަނީ ކުރިން ވިދާޅުވެފަ އެވެ.