ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށްފަހު އެ މީހުން ބަންދުކުރަން އެދުމުން ހައި ކޯޓުން ނިންމާފައިވަނީ އެ މީހުން ބަންދު ނުކުރުމަށެވެ.
އެ މައްސަލަ އޭރު ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ފުރަތަމަ ނިންމީ އެ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރުމަށެވެ.
އެހެންވެ, ދެވަނަ ފަހަރަށް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން މިއަދު ކުރި ނިންމީ އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށާއި އަދި އެ މީހުންގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެންގީ އެ މީހުން ބަންދު ކުރުމާ މެދު ހައި ކޯޓުން ގޮތެއް ނިންމަންދެން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.
އެހެން ނަމަވެސް ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ނިންމެވީ އެ މީހުން ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ފަނޑިޔާރުގެ ރައުޔަކީ އެ މީހުންނަކީ ކުށުގެ އަމަލުގައި ބައިވެރިވި މީހުން ކަމަށް ނުބެލެވޭ ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ދައުވާލިބުނު ކުޑަކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައިވި ނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ލުއިކޮށްދީފަ އެވެ.
ކަންކަން ނިންމަން ކެރޭ މީހުން ހައިކޯޓަށް ބޭނުންވަނީ. މުސާރަ ނަގާ މީހުނެއް ނޫން
ރިޕްލައި