އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އުމުރުފުޅުން 99 އަހަރުގައި އިއްޔެ އަވަހާރަވުމަކީ އިނގިރޭސި ޝާހީ އާއިލާ އަށް ކުރިމަތިވި ފޫ ނުބެއްދޭ ވަރުގެ ގެއްލުމަކަށް ވެގެންދާނެ އެވެ.
މީގެ 73 އަހަރު ކުރިން ޕްރިންސެސް އެލިޒަބަތާ ކައިވެނި ބެއްލެވީއްސުރެ އިނގިރޭސި ޝާހީ ޚާންދާނުގައި ޕްރިންސް ފިލިޕް ހިމެނި ވަޑައިގެންފައި ވަނީ މުހިންމު ޚިދުމަތް ތެރިއެއްގެ ގޮތުގަ އެވެ. އިނގިރޭސި ވިލާތުގެ ސިޔާސަތުގައި ބަކިންހަމް ޕެލެސްގެ ރޯލު ހަރުދަނާކުރައްވައި ގަނޑުވަރުގެ ގިނަ ކަންތައްތަކަކަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގައި ޕްރިންސް ފިލިޕް ވަރަށް އިސް ދައުރެއް އަދާ ކުރެއްވި އެވެ.
ޕްރިންސް ފިލިޕަކީ އިނގިރޭސި ޝާހީ އާއިލާގެ ލޭ ހިނގާ ބޭފުޅެކެވެ. އެމަނިކުފާނުގެ ބައްޕާފުޅާއި މަންމާފުޅު އެންމެ ފުރަތަމަ ބައްދަލުވެ ވަޑައިގަތީ ކުއީން ވިކްޓޯރިއާގެ ޖަނާޒާއިންނެވެ. ޕްރިންސް ރައްކައުވީ ގްރީކްގަ އެވެ އެމަނިކުފާނުގެ ބައްޕާފުޅަކީ ގްރީކާއި ޑެންމާކްގެ އޭރުގެ ރަސްގެފާނު ކިންގް އެޑްވަޑްގެ ދަރިކަލުން ޕްރިންސް އެންޑްރޫ އެވެ.
ޕްރިންސް ފިލިޕްގެ އުމުރުފުޅުން އެންމެ 8 މަހުގައި ގެނެވުނު އިންގިލާބަކަށްފަހު އާއިލާ ފްރާންސަސް ހިޖުރަ ކުރަން ޖެހުނެވެ. އާއިލާ ރޫޅި ދިމާވި ދަތި އުނދަގޫ ތަކާއެކު ޔޫރަޕްގެ އެކި ގައުމުތަކުގައި ވަރަށް ދަތި އެކަނިވެރި ދިރިއުޅުމެއް ޒުވާން ޕްރިންސަށް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި އެވެ.
ފްރާންސާ ޖަރުމަނުގެ ބައެއް ސްކޫލް ތަކުން ކިޔވާ ވިދާޅުވުމަށް ފަހު އިނގިރޭސި ވިސްލާތަށް ވަޑައިގެންނެވީ ސްކޮޓްލޭންޑްގެ ބޯޑިން ސްކޫލަކުން ތައުލީމު ހާސިލު ކުރެއްވުމަށެވެ. އެ ސްކޫލުގައި ޕްރިންސް ފިލިޕް ހިމެނި ވަޑައިގަތީ އާދަޔާ ޚިލާފު ހިތްވަރުގަދަ ތޫނުފިލި ދަރިވަރަކަށެވެ. ދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުކަމުގައި ވެފައި ޕްރިންސްގެ އާއިލާޔާ ޖަރުމަނާ އޮތް ގުޅުމުގެ ސަބަބުން އިނގިރޭސި ވިލާތުގައި އެމަނިކުފާނަށް ޖެއްސުމާއި ފުރައްސާރަ ކުރުންތަކާ ކުރިމަތިވި އެވެ. އޭރު އެމަނިކުފާނުގެ ހަތަރު ދައްތައިން ތިއްބެވީ ޖަރުމަނުންނާއި ކައިވެނި ބައްލަވައިގެންނެވެ. އަދި އެއީ ހިޓްލަރުގެ ނާޒީ ޕާޓީގެ ވެސް މެމްބަރުންނެވެ.
ސްކޫލް ނިންމެވުމަށްފަހު ބްރިޓިޝް ނޭވަލް ކޮލެޖާ ގުޅިވަޑައިގެން ކޮލެޖްގެ އެންމެ މޮޅުދަރިވަރެއްގެ ގޮތުގައި ފާސްވި އެވެ. 1940 ވަނަ އަހަރު ރޯޔަލް ނެވީ އާ ގުޅިވަޑައިގެން އުމުރު ފުޅުން އެންމެ 19 އަހަރުގައި ފަސްޓް ލެފްޓިނެންޓެއްގެ މަގާމުގެ އިތުރުން ސެކަންޑް ކޮމާންޑަރުކަން ލިބި ވަޑައިގެންނެވި އެވެ.
ޝާހީ އާއިލާއާ އޮންނަ ތިމާގެކަމުގެ ގުޅުމުގެ ތެރެއިން އެކި ފަހަރުމަތިން ބައްދަލުވެ ޕްރިންސް ފިލިޕާއި ޕްރިންސެސް އެލިޒަބަތާ ދެމެދު އޭރު އޮތީ ލޯބިގެ ގުޅުން އުފެދިފަ އެވެ. މިގުޅުމަށް ރަސްމީ ސިފައެއް އައިސް އެންގޭޖްމެންޓް އިއުލާން ކުރެވުނީ 1947 ގަ އެވެ.
ހަމަ އެއަހަރު ދެ ބޭފުޅުން ކައިވެނިބައްލަވައިގެންނެވި އެވެ. ކައިވެނިފުޅަށްފަހު ޑިއުކް އޮފް އެޑިންބަރޯގެ ލަގަބު ލިބި ވަޑައިގެންނެވި އެވެ. ކައިވެނިފުޅަށްފަހު ޕްރިންސް ފިލިޕް މަސައްކަތް ކުރެއްވީ މޯލްޓާގައި އޮންނަ އިނގިރޭސި ރޯޔަލް ނޭވީގެ ކޮމާންޑަރެއްގެ ގޮތުގަ އެވެ. ކިންގް ޖޯޖް ހަވަނަ އާލާސްކަންފުޅާ އުޅުވުމުގެ ސަބަބުން ފިލިޕް އިނގިރޭސި ގަނޑުވަރަށް މުޅިން ބަދަލު ވެ ވަޑައިގެންނެވީ 1950ގަ އެވެ. އެހިސާބުން ރަސްކަމުގެ ރަސްމީ ޒިންމާތަކުގައި ކިންގް ޖޯޖަށް އެހީތެރިވެ ވަޑައިގެންނެވުމުގައި ރަސްގެފާނު އަވަހާރަވެ ވަޑައިގެންނެވުމާ ހަމަޔަށް ދެމިހުންނެވި އެވެ.
ކިންގް ޖޯޖް ހަވަނަ 1952 ގައި އަވަހާރަވުމާ ގުޅިގެން ޒުވާން މާގެރެޓް ގައުމުގެ ރާނީ ކަމުގެ ތަޚުތުގައި ވެޑުވުމުން ފިލިޕް ރޯޔަލް ނޭވީގެ ކޮމާންޑަރުކަމުން އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން ޒުވާން ރާނީގެ ރަސްމީ ވާޖިބުތަކުގައި އެކަމަނާ އަށް އެހީތެރިވުމުގައި ފިލިޕް ދެމި ހުންނެވި އެވެ.
ފިލިޕް ހިމެނިވަޑައިގަންނަނަވަނީ ޝާހީ އާއިލާއަށް ޒަމާނީ ބަދަލުތަކެއް ގެނެސް ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ގަނޑުވަރު ތެރޭގައި އޮންނަ ބޯދާ އާދަތައް ޒަމާނާ އެކަށޭނަ ގޮތަށް ބަދަލުކުރައްވައި، ކިލަނބުވަމުން ދިޔަ އާއިލާގެ ހައިސިއްޔަތު އާންމުންގެ މެދުގައި އަލުން ބަދަލު ކޮށްލެއްވި ބޭފުޅެއްކަމުގައި ފިލިޕް ފާހަގަ ކުރެވެ އެވެ.
ޕިލިޕް އެންމެ ބޮޑު އިސްކަމެއް ދެއްވީ ގަނޑުވަރު ތެރޭގެ ކަންތައް އާންމުންނަށް އެނގޭ މިންވަރަށް ތިލަ ކުރެއްވުމަށެވެ. އެގޮތުން ގަނޑުވަރުގެ ރަސްމިއްޔާތުތަކަށް ޓިވީ ކެމެރާތައް ވައްދައި ބީބީސި މެދުވެރިކޮށް ގަނޑުވަރުތެރޭގެ ކަންތައް ހިނގާ ގޮތާ ބެހޭ ޑޮކިއުމެންޓްރީތަކުގެ ޒަރީއާއިން އާންމު ރައްޔިތުންނާ ޝާހީ އާއިލާއާ އޮންނަ ގުޅުން ބަދަހިކޮށްދިނުމުގެ މެސްތިރިއަކީ ވެސް ފިލިޕެވެ.
ކްއީން އެލިޒަބަތަށް އިނގިރޭސި ރާނީކަން ލިބިވަޑައިގެންނެވީ ދެވަނަ ބޮޑުހަނގުރާމައިގެ ދަތިކަން ގައުމަށް ދިމާވެފައި އޮތް އުނދަގޫ ދުވަސްވަރެއްގަ އެވެ. ސިޔާސީގޮތުން ރަސްކަމުގެ މަގުބޫލުކަން އިނގިރޭސިންގެ މެދުގައި އޭރު އޮތީ ފަނޑުވެފަ އެވެ. އެފަދަ ދަނޑިވަޅެއްގައި ޒުވާން ރާނީގެ އަތްޕުޅު މަތީގައި ޝާހީ ވެރިކަން ދެމި އޮންނާނެ ކަމާމެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.
މި އުނދަގޫ ދުވަސްވަރު ރާނީ އަށް އެހީތެރިވެ ވަޑައިގެން ޝާހީ އާއިލާގެ ނުފޫޒާއި މަގުބޫލުކަން އަލުން ނެގެހެއްޓެވުމުގައި ޕްރިންސް ފިލިޕް ގެ ދައުރު ވަރަށް ބޮޑެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ޕަބްލިކް ސާވިސް އިން ދުރުވެ ވަޑައިގެންނެވުމާ ހަމަޔަށް ވެސް ވަރަށް ހަރަކާތްތެރި ދައުރެއް އަދާ ކުރެއްވި ޕްރިންސް ފިލިޕް، އުމުރުފުޅުން 99 އަހަރުގައި މި ދުނިޔެއާ ވަކިވެވަޑައިގަތުމަކީ އިނގިރޭސި ޝާހީ ވެރިކަމުގެ މައި ތަނބެއް ބިންދައިގެން ދިއުން ފަދަ ކަމެކެވެ.